ސީރިއާގެ ހަނގުރާމައިގެ ބައިވެރިވުމަށް އެ ގައުމަށް ދިޔަ ހ. ހިލްޓަން އަޒްލިފް ރައޫފް "ޝަހީދު" ވެފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފިއެވެ.
އަޒްލިފްއަކީ މީގެކުރިން ސިފައިންގޭގައި މަސައްކަތް ކުރި މީހެކެވެ. އަޒްލިފް ސިފައިންގެ ވަޒީފާއިން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވިކަމަށް ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން 2013 ވަނަ އަހަރުއެވެ.
އަޒްލިފް "ޝަހީދު" ވެފައިވަނިކޮށް ނަގާފައިވާ ފޮޓޯ ހާމަކޮށްފައިވަނީ "ހައްގު" ނަމުގައި ހިންގަމުންދާ އޮންލައިން ނޫހަކުންނެވެ. މި ވެބްސައިޓަކީ ދިވެހި ބަހުން އައިއެސްގެ ހަބަރުތައް ގެނެސްދެމުން އަންނަ އައިއެސްއަށް ތާއީދުކުރާ ވެބްސައިޓެކެވެ.
ހައްގު ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ އަޒްލިފް (މިހާރު ނަމުން ނަމަ އަބޫ ކައިލް ރަހިމަﷲ) "ޝަހީދުވެފައިވަނީ" ސީރިއާގެ ހަލަބް ސިޓީގައި ކުއޭރިއަސް އެއާޕޯޓު ކައިރީގައި ހުއްޓާ ކަމަށާއި މިކަމުގެ ހެކި "ހައްގު" ނޫހުގެ އަހުލުވެރިންނާއި އަޒްލިފް އާއިލާގެ އަތުގައި އެބަހުރި ކަމަށެވެ.
އަޒްލިފް "ޝަހީދުވެގެން" ދިޔައިރު މޫނުން ހިނިތުންވުން ފެނިގެން ގޮސްފައިވާ ކަމަށާއި އަޒްލިފް އާއި ދޭތެރޭގައި ނުބައިކޮށް ދެކޭ މީހުން ލަދުވެތިވެ ﷲ އަށް ބިރުވެތިވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން އަޒްލިފްއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައިން ޖާގައެއް ލިބުމަށް އެދި ދުއާވެސް ކޮށްފައިވެއެވެ.
ސީރިއާގެ ހަނގުރާމައިގެ ބައިވެރިވުމަށް އެ ގައުމަށް ދިޔަ އަޒްލިފް މަރުވެފައިވަނީ މެއި 14 ވަނަ ދުވަހުގެރޭގެ ވަގުތެއްގައިއެވެ. އަޒްލިފް ސީރިއާއަށް ގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިއެވެ. އޭނާ އެގައުމަށް، ޖިހާދު ކުރުމުގެ ނަމުގައި ގޮސްފައިވަނީ އެކި ކުށް ތަކުގެ ތުހުމަތު ކުރެވޭ ބޮޑެތި ކުށްވެރިންނާ އެކު ކަމަށް މައުލޫމާތު ލިބެއެވެ.
އަޒްލިފް މަރުވެއްޖެ ކަން އޭނާގެ އާއިލާއަށް އަންގާފައިވާއިރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީހަށް ވަނީ ފޮނުވާފައެވެ.
ފަހަކަށް އައިސް ސީރިއާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.
އަޒްލިފް "ޝަހީދު" ވެފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ