އިންތިހާބު ފަސްކޮށްފިނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެ: މައުމޫން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ދެމަހަށް ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލަ އާއި ގުޅިގެން ރައީސް މައުމޫނުގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބު ފަސްކޮށްފިނަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެެރެއަށް ގޮސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމުވެގެންދާނެ ކަމަށެވެ. އެހެންކަމުން އެކަމާއި އެ ފެކްޝަނުން ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް މައުމޫނުގެ ފެކްޝަނުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކައުންސިލް އިންތިހާބު ފަސްކުރުމަށް އެ “ޕާޓީގެ ބައެއް ފަރާތްތަކުން” ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހަމައެކަނި ޕާޓީގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށްޓަކައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަސްލަހަތު ގެއްލޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އެހެންކަމުން އެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ ކައުންސިލް އިންތިހާބު ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެއިތުރުން މިހާރު ހިނގަމުން މިދާ ކައުންސިލްތައް އިންތިހާބުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އާ ކައުންސިލް އިންތިހާބު ކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ