ލަންކާއަށް އެހީވުމަށް ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ. ވިލާ ގްރޫޕްގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އަދި ގާސިމްގެ ދަރިފުޅު ސިޔާދް ގާސިމްއެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސެންއެވެ. އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވި މި ތޫފާނުގައި އެ ގައުމުގެ އެތައް ބަޔަކު ގެއްލިފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ. އެ ގައުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން އިއްޔަ ވަނީ ސަން ސިޔާމް ގްރޫޕްގެ ފަރާތުން ދެ ލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާކުރަން ނިންމައިފައެވެ. އިއްޔެ ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފައިސާ ހަވާލު ކުރަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯނުގައި ވެސް ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކުން ދަނީ ބޮޑެތި އެހީ ފޯރުކޮށްދެމުންނެވެ. އަދި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް ވެސް ގިނަ އަދަދެއްގެ އާންމުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ. މި ޓެލެތޯނަށް މިހާތަނަށް ވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. މި ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާއެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. ތޫފާންގެ ސަބަބުން ލަންކާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 334 އަށް އުފުލިފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދު ބަދުއްލާއިންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފައެވެ. މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހެވެ. އެ ފަހަރު 254 މީހުން މަރުވެ ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ