ރާއްޖެ-ޗައިނާ އެފްޓީއޭއަށް އަމަލުކުރަން ފަށައި 100އަށް ވުރެ ގިނަ ކުދި ވިޔަފާރި ރަޖިސްޓްރީކުރެވިއްޖެ: ސައީދު

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު މީގެ އެގާރަ އަހަރުކުރިން ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒުކުރަން ފެށީ މި ސަރުކާރުން ކަމަށާއި، އެ އެއްބަސްވުން ތަންފީޒުކުރުމާއެކު، އެތައް ސަތޭކަ ކުދި ވިޔަފާރިއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އާ ފޮރިން އިންވެސްޓްމެންޓް ގާނޫނާއި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައި، އާ ގާނޫނުތަކުގެ ދަށުން ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި 2014ވަނަ އަހަރު ސޮއިކޮށް، 2017ވަނަ އަހަރު އަމަލުކުރަން ނިންމި، ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަމަލުކޮށްފައިނުވާ ކަމަށެވެ. އެކަމަކު އެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި ސަރުކާރުން ކަމަށް ސަޢީދު ވިދާޅުވިއެވެ. "[ފްރީ ޓްރޭޑް އެއްބަސްވުން] އަޅާނުލާ ބާއްވާފަ އޮތީ، އެކަމަކު މިއަދު އެކަންވެސް ކޮށްފިން (އަމަލުކުރަން ފަށައިފިން)، އޭގެ ސަބަބުން އެގާރަ އެކްސްޕޯޓަރުން ރަޖިސްޓްރީކުރެވިއްޖެ، އަދި މިހާރު މަސައްކަތް އެބަ ކުރެވިގެންދޭ އެތައް ސަތޭކަ ކުދި ވިޔަފާރިއެއް އޮންލައިން ޕްލެޓްފޯމްތަކުގައި ރަޖިސްޓާކުރުމުގެ މަސައްކަތް،" ސައީދު ވިދާޅުވިއެވެ. https://sun.mv/200906 އޭނާ ވިދާޅުވީ، އެކަން ކުރަނީ އަލީބާބާގެ ވޯކްޝޮޕަށް ފަހު، އޮންލައިންކޮށް ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. ސައީދު ވިދާޅުވިގޮތުގައި، ފޮރިން އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިތަކުގެ ޔަގީންކަމާއި އިތުބާރު ލިބެނީ އެފަދަ އެއްބަސްވުންތަކުގެ ސަބަބުންނެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމުގަައި ސޮއިކުރީ ޑިސެމްބަރު 2014ގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ ނޮވެމްބަރު 2017ގައެވެ. ނަމަވެސް ޞާލިޙުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައި ނުވެއެވެ. މި ސަރުކާރުން އެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިޞާދީ ގުޅުން ރަނގަޅުވެ އެއް ގައުމުން އަނެއް ގައުމަށް ބޭރުކުރެވޭ މުދާ އިތުރުކުރެވި، މުދަލުގެ އަގު ހެޔޮވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރު ކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރީގެ އައު ފުރުސަތުތައް އިތުރުވެ، އެއް ގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ