ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރީ 2.6 ބިލިއަން ރުފިޔާ، ލިބުނީ 289 މިލިއަން
މި އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖެހި އަދަދުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 11.5 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ދައުލަތުން ކޮށްފައިވާ ޚަރަދާއި ލިބިފައިވާ އާމްދަނީގެ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައި ވަނީ، އެހާތަނަށް ހިލޭ އެހީއަށް ލިބިފައިވަނީ 298 މިލިއަން ރުފިޔާ ކަމަށެވެ. މި އަހަރަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބަޖެޓުގައި އަންދާޒާ ކޮށްފައި އޮތީ 2.59 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށެވެ. ނަމަވެސް އަހަރު ނިމޭއިރު، އޭގެ ތެރެއިން 88 ޕަސެންޓް މިހާތަނަށް ލިބިފައިނުވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. މި އަހަރު ހިލޭ އެހީ ލިބުނު މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 50 ޕަސެންޓް ދަށްވެފައި ކަމަށް ވެސް ތަފާސްހިސާބުން އެނގެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ދައުލަތަށް 603 މިލިއަން ރުފިޔާ ހިލޭ އެހީއަށް ލިބުނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އަންނަ އަހަރު ހިލޭ އެހީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް މިދިޔަ އަހަރު ވެސް ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކުރި ވަރަށް އެހީ ލިބިފައިނުވެއެވެ. އެގޮތުން 1.47 ބިލިއަން ހޯދަން އަމާޒުކުރި ނަމަވެސް، ލިބުނީ 660 މިލިއަން ރުފިޔާއެވެ. އެއާ ޚިލާފަށް، 2023 ވަނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނެވެ. މި ސަރުކާރުން ވަނީ، އަންނަ އަހަރު ހިލޭ އެހީއަށް ލިބޭނެ ކަމަށް ލަފާކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އެގޮތުން، އަންނަ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން، ހިލޭ އެހީގެ ގޮތުގައި ލިބޭނީ 373 މިލިއަން ރުފިޔާއެވެ. ބަޖެޓުގައި މިނިސްޓްރީން ލަފާކުރާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ދޭދޭ ގައުމުތަކުން 85.6 މިލިއަން ރުފިޔާ ދޭނެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހިލޭ އެހީ ދޭނީ އިންޑިއާއިން ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އިންޑިއާއިން 73.6 މިލިއަން ރުފިޔާ ލިބޭނެއެވެ. އެއީ ސަރުކާރުން ލަފާކުރާ ޖުމްލަ ހިލޭ އެހީގެ ތެރެއިން 19.7 ޕަސެންޓެވެ. އަދި ދޭދޭ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދޭ އަދަދުގެ ތެރެއިން 86 ޕަސެންޓެވެ. https://sun.mv/213459 ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލުމަށް ކަމަށް ބުނެ، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގުމަށްފަހުގައެވެ. އަދި މި ސަރުކާރުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށްގެން މި ސަރުކާރުގެ ކުރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހަ މަހަށް ވުރެ ގިނަ ދުވަހު މުސާރަ ދޭ ގޮތަށް ސަސްޕެންޑުކޮށްފައި ވެސް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ އިސްތިއުފާދެއްވައިފައެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު ގެންދަވަނީ ސަރުކާރުގެ ދެ ކުންފުންޏެއްގައި އިސް މަގާމުތަކެއް ފުރުއްވަމުންނެވެ. އެހެންވެ މި މައްސަލައިގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ، އެ ގައުމުން ޗުއްޓީއަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަށަށް ދިޔައެވެ. އެކަމަކު އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެ ގޮތުން، މިދިޔަ 60 ވަނަ މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވަން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންފައިވެސް ވެއެވެ. މޯދީގެ އެ ދަތުރުފުޅުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން ސޮއިވެސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ