ދުވާފަރުގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއާ ހަވާލުކޮށްފި ދުވާފަރުގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މުހައްމަދު މުއިއްޒު ދުވާފަރަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަފުލާތަކުގެ ތެރެއިންނެވެ. ދުވާފަރުގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ.
ދުވާފަރު ހިއްކި ބިމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އެ ރަށު ހިއްކު ބިމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ހިއްކި ބިމުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. ހިއްކި ބިމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. އެ ދެ މަޝްރޫއު ހަވާލުކުރީ ކޮން އަގެއްގައިކަމެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މުއިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ވެސް އެ ރަށުގައި ހުޅުވައިދެއްވައިފަ އެވެ.
މުއިއްޒު ދުވާފަރަށް މިއަދު ވަޑައިގަތީ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެ ރަށުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު ދުވާފަރަށް ވަޑައިގެންނެވިއިރު، ބޮޑުކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ