ކޮންޓެންޓު ކްރިއޭޓަރުންގެ ލޯނު ދަރަނި ދަންތުރައެއް ގޮތަށް ހުޅުވާލައިފި ކޮންޓެންޓު ކްރިއޭޓަރުންގެ ލޯނު ދަރަނި ދަންތުރައެއް ގޮތަށް ހުޅުވާލައިފި

ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް ބޮޑު އިންޓްރަސްޓު ރޭޓެއްގައި 500,000 ރުފިޔާއާ ހަމައަށް ލޯން ދޫކުރާ ސްކީމެއް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މިއަދު އިއުލާނު ކޮށްފި އެވެ.
ސަރުކާރުގެ މާލީ ހާލަތު އިންތިހާއަށް ދަށްވެފައިވާ ވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ މި ވައުދު ފުއްދަނީ، ބީއެމްއެލްއިން ދާދި ފަހުން ގަތް އެސްޑީއެފްސީ މެދުވެރިކޮށެވެ. ނަމަވެސް މި ސްކީމަށް ސަރުކާރުންގެ ބަޖެޓުން ފަންޑު ދޭ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެސްޑީއެފްސީން ބުނީ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯ ގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށާއި ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށެވެ.
ލޯން އަނބުރާ ދައްކަން ޖެހެނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާއެކު ފަސް އަހަރު ތެރޭގަ އެވެ.
އެސްޑީއެފްސީން ބުނީ މި ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުން ކަމަށާއި "މި ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްޤީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެވޭނެ،" ކަމަށެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ "މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން،" ކަމަށެވެ.
"މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިގުތިސާދުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ލޯންތައް ދޫކުރަނީ އަހަރަކު 9.5 ޕަސެންޓުގެ ފައިދާ ރޭޓެއްގަ އެވެ.
ބައެއް ވިޔަފާރި ލޯނުތައް 9.5 ޕަސެންޓަށް ވުރެ ދަށް ރޭޓުގައި ވެސް ދޫކޮށްފައި އެބަ ހުރި ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ކަށަވަރުކޮށް ދިނެވެ.
ކޮންޓެންޓު ކްރިއޭޓަރުންނަށް ދޫކުރާ ލޯނުން އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ހަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބޭންކުން ބުނާއިރު، ރަހުނެއް ނުބަހައްޓައި ލިބޭ 150،000ރ. އަކީ ކޮންޓެންޓު އުފެއްދުމުގެ މަސައްކަތް މުޅިން އަލަށް ފަށަން ބޭނުންވާ ފަރާތްކަށް ބޭނުންވާ ސާމާނު ގަތުމަށް މަދު މިންވަރެއް ކަމަށް ބައެއް މީހުން ބުންޏެވެ.
"ޑޮލަރު ހުރީ 20ރ. ރޭޓުގައި. 150،000ރ. ގެ ލޯނެއް ނަގައިގެން ލިބޭނީ 7500 ޑޮލަރު. އެއީ މިހާރު ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު ވަރަށް ކުޑަކުޑަ ވަރެއް،" ކޮންޓެންޓު ކްރިއޭޓަރަކު ބުންޏެވެ.
ރާއްޖެއަކީ ކުޑަކުޑަ މާކެޓަކަށް ވުމާއެކު ބޮޑު ރޭޓެއްގައި ލޯނު ނަގައިގެން ކޮންޓެންޓު އުފައްދަމުން، އަދި އަނބުރާ ލޯނު ދެއްކުމަކީ ކްރިއޭޓަރުންނަށް ބޮޑު ބުރައަކަށް ވެދާނެ ކަމެއް ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
މި ލޯނަށް އެދި ހުށަހަޅާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ