އެމްއެންޑީއެފްގެ ބޭނުމަށް އަންނަ އަހަރު އަސްކަރީ މަތިންދާބޯޓުތަކެއް ގެންނަނީ އެމްއެންޑީއެފްގެ ބޭނުމަށް އަންނަ އަހަރު އަސްކަރީ މަތިންދާބޯޓުތަކެއް ގެންނަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބޭނުމަށް މިލިޓަރީ މަތިންދާ ބޯޓުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެކަން އަންނަ އަހަރުގެ ތެރޭ ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އިން ބޭނުންކުރަން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރި އެއާ ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަސްކަރިއްޔާގެ ހުރިހާ ރޮނގަޅުން ކުރިއެރުން ހޯދަން ރާވާފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ އަޅުގަނޑުމެން މިގޮތުން ހަމަ ދެންމެ ދަންނަވާލި ކަންކަން ކުރާ އަދި އިތުރު ކަންކަން ވެސް ކުރުމަށް މަސައްކަތް ކުރާނެ އަހަރަކަށް ވާނެ. އެއާ ކޯ އަށް މިލިޓަރީ މަތިންދާ ބޯޓުތައް ހޯދުމާއި، މިފަދަ ގިނަ ކަންކަން ކުރަން ވެެސް އަޅުގަނޑުމެން މިހާރު ވަނީ ނިންމާ، އެ މަސައްކަތް ވެސް ފަށާފަ،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އެމްއެންޑީއެފްގެ ބޭނުމަށް ގެންނަން ނިންމާފައިވަނީ ކޮން ކަހަލަ، ކޮން މަރުކާއެއްގެ އަދި ކޮން ބޭނުމެއް ކުރެވޭ މަތިންދާ ބޯޓެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ. މި ތަކެތި ގަންނަނީ ނުވަތަ ރާއްޖެއަށް ހަދިޔާ ކުރަނީ ކޮން ގައުމަކުން ކަމެއް ވެސް އެމަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.
މި ސަރުކާރުން އަސްކަރީ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، މި ސަރުކާރުން އެކަންކަމުގެ ތަފުސީލުތައް މުޅިންހެން ވަނީ ސިއްރުކޮށްފަ އެވެ.
އަސްކަރީ މަތިންދާ ބޯޓުތަކަކީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ނޫނީ ނުގެނެވޭނެ ތަކެއްޗެވެ. އެކަމަށް ކުރާ ހަރަދު ހިމެނޭހެން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުކުރުމަށް 2.8 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މިއީ ޖުމްލަ ބަޖެޓުގެ ހަތަރު ޕަސެންޓެވެ.
މި ސަރުކާރުން މިހާތަނަށް ކުރި އަސްކަރީ އެންމެ ބޮޑު ހަރަދަކީ ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ގެ އެއްބަސްވުމެއް ހަދައިގެން އަސްކަރީ ޑްރޯންތަކެއް ގެނައުމެވެ. މިހާތަނަށް އެމްއެންޑީއެފްގެ ބޭނުމަށް ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ހަ ޑްރޯން އެއް ރާއްޖެ ގެނެސްފައިވެ އެވެ.
އެމްއެންޑީއެފް އަށް ގެނައި ޑްރޯންތަކުގެ އިންޝުއަރެންސަށް ވެސް އަންނަ އަހަރުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރެ އެވެ. އަންނަ އަހަރު ސަރުކާރުން ޕްރައިވެޓް އިންޝުއަރެންސަށް ހަރަދުކުރާ 99 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ މިކަމަށް ކުރާ ހޭދަ އެވެ. އަންނަ އަހަރު ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ މި އަހަރަށްވުރެ 44 މިލިއަން ރުފިޔާ އިތުރެވެ.
މީގެ އިތުރުން، އެމްއެންޑީއެފް އަށް ގަނެފައިވާ ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރުގެ އޮޕަރޭޝަނަލް ކޯސްޓަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސްކަރިއްޔާއަށް "ޓޭންކަރުތަކެއް" ގަތީ މި އަހަރުގެ ކުރީކޮޅު އެވެ. އޭޕްރީލް މަހު އެމްއެންޑީއެފްގެ ބޭނުމަށް ގަނެގެން ގެނައީ ޔޫއޭއީ ސަރުކާރުގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ އެޖް ގްރޫޕުން އުފައްދާ އަޖްބާން މަރުކާގެ "އަޖްބާން 442-އޭ" ވެހިކަލްތަކެކެވެ.
މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާކުރި 44 އަހަރުވީ ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ނުވަތަ ދިވެހި އަސްކަރިއްޔާއިން ދީފައިވާ ނަމުންނަމަ "ދަރުމަވަންތަ" މަނަވަރަށް ހަރަދުތަކަށް ވެސް ބޮޑެތި އަދަދުތަކެއް އަރާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ