ލިބޭ މުސާރައިން ޚަރަދުތައް ދެކޮޅު ނުޖެއްސޭތީ މުސާރަ އެކުގަ އަނބިމީހާއާ ޙަވާލުކުރީމާ ހުރިހާ ޚަރަދެއްކޮށްފަ އިތުރުވެސް ކުރެވޭކަން ތަޖުރިބާކުރި ފިރިއެއްގެ ވާހަކަ އޭނާގެ ދުލުން-

އަހުރެންނަކީވެސް ހަމަ ރަނގަޅު މުސާރައެއް ލިބިގެން އުޅެމުން އައި ޒުވާނަކީމެވެ. ކައިވެނިކުޜިވެސް ފުދިގެން އުފަލުގައި އުޅެވޭނެކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. މަހުގެ ފަހުކޮޅަށް އެޅޭއިރު އަތުގައި އެއްވެސް ލާރިއެއް ނުހުރެއެވެ.  
މިމައްސަލަ ޙައްލުކުރެވޭނެ ގޮތަކަށް ވިސްނަމުން ގޮސް އަނބިމީހާއާއި މަޝްވަރާކުރުމުން މުސާރަ ލިބުމުން ނަގައިގެން ގެންގޮސް އޭނާގެ އަތަށް ދިނުމަށެވެ. އަދި އެއްވެސް ކަމަކަށް ދަތިވެގެން ނުހުރުމަށާއި ކޮންމެ ކަމަކަށް ބޭނުންވިޔަސް ބުނުމަށެވެ.  
އަހުރެންނަށް ނުކުރެވުނު ކަމެއް އަނބިމީހާ ކުރާނެ ގޮތް ނުވިސްނިހުރެވެސް ޖެހިގެން އައިމަހު އަނބިމީހާ ބުނި ގޮތަށް ކަންތައް ކުރީމެވެ. މަހުގެ ފަހުކޮޅު ފައިސާ ހުސްވާނެ ކަމަށް ބަލައި ހުރީ ވަރަށް ބިރުންނެވެ. އެކަމަކު ފައިށާ ހުސްވި ކަމަކަށް ނުވިއެވެ. މަހުގެ އެންމެ ފަހު ދުވަހު ބުނީ 4000 ރުފިޔާ އިތުރުވެފައިވެސް އެބަހުރިކަމަށެވެ.  
އެގޮތަށް އަހަރެއްހައި ދުވަހު ކަންތައްކުރުމަށްފަހު ގޭގެ ހުރިހާ ޚަރަދެއް ކުރަމުންވެސް ފައިސާ އިތުރުކުރެވޭ ސަބަބު އެހުމުން ބުންޏެވެ. "ފުރަތަމަ ކަމަކީ ކުރާ ބޮޑެތި ޚަރަދުތައް ތިބާ ނޯޓުކުރަމުއެވެ. ކޮފީތަކަށް ކުރާ ޚަރަދު ނޯޓެއް ނުކުރަމުއެވެ. އެހެންވެ ކޮފީއަށް ޚަރަދުކުރެވޭ ޢަދަދު ނުވިސްނުނީއެވެ. ދެވަނަ ކަމަކީ އަހުރެންގެ އަތުން ފައިސާ ހޯދަން ޖެހުމުން ކޮފީއަށް އެހައިގިނައިން އެދެން ތިބާ ޖެހިލުންވީއެވެ. އަހުރެން އެންމެ ރުފިޔާއެއް ބޭނުން ކުރިޔަސް ނޯޓުކުރަމެވެ. ފޮތް އެއޮތީ ފެންނާށެވެ! ބޭނުން އިރަކު ބޭނުންވަރަކަށް ބެލުމަށެވެ."  
ޖަވާބުގައި ބުނާނެ އެއްޗެއް ނުވިސްނުނެވެ. އަނބިމީހާ އެބުނީ ކަންތައް ވަމުން އައިގޮތެވެ. އެހެންވެ އަހުރެން މިހާރު ނިންމައިގެން މިހުރީ މުސާރަޖަމާވާއިރަށް އަނބިމިހާގެ އެކައުންޓަށް އަބަދުވެސް ޖަމާކުރުމަށެވެ. އެއަށްވުރެ ރަނގަޅު އެއްވެސް ޙައްލެއް ނެތީމައެވެ. އަނބިމީހާގެ އިޤްޠިޞާދީ މާހިރުކަން މާބޮޑުވީމައެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ