އައްޑު އަށް ފައިދާ އޮތީ ވަކިވަކި ކައުންސިލްތަކުން

އައްޑު އަށް ފައިިދާ ގޮތަކީ އައްޑޫގެ ރަށްތަކަށް ވަކިވަކި ކައުންސިލްތަކަށް ހެދުން ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއް ރަހުމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ސިޓީ ކައުންސިލެއްގެ ގޮތުގައި ވަކިވަކި ކައުންސިލްތަކެއް ހެދުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްްޒު އިއްޔެ އިއުލާން ކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަމިއްލަ ގޮތުން މަޖިލީހުގައި ތަމްސީލު ކުރައްވާ މެންބަރު ވިދާޅުވީ ރައީސްގެ އެ ނިންމުމަށް އަމިއްލަ ނަމުގަ އާއި މީދޫ ރައްޔިތުންގެ ނަމުގައި ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"ވަކި ރަށްތަކެއްގެ ގޮތުގައި ތިބި ރާއްޖޭގެ ނިސްބަތުން އާބާދީ އަދި ބިންބޮޑު އައްޑޫގެ ރަށްތަކަށް ލާމަރުކަޒުވުމުގެ އަސްލު ފާއިދާ ލިބޭނީ އައްޑޫ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދައިގެން ކަމުގައި އަޅުގަނޑުވެސް ދެކެން،" އައްދު ވިދާޅުވި އެވެ. "މި ކަމުގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދެއްވީތީ އަދިވެސް އެއް ފަހަރު އެމަނިކުފާނަށް ޝުކުރު ދަންނަވަން."
އޭނަ މިކަމަށް ތާއީދުކޮށް ވާހަކަ ދެއްކެވި އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މީދު އާއި ހުޅުދޫގައި ވަކި ކައުންސިލްތަކެއް ހެދުމަށް މީގެ ކުރިން ވެސް އެ ދެ ރަށުގެ ބަޔަކު މަސައްކަތްތަކެއްކޮށްފައިވާ ކަމެކެވެ. އެގޮތުން ހުޅުދު އާއި މީދޫގެ ބަޔަކު އިސްކޮށް ތިބެގެން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) ގެ ނަމުގައި ހިންގަމުން އަންނަ ޖަމިއްޔާއަކުން ހުޅުދު އާއި މީދު އަށް ވަކި ކައުންސިލެއް ހަދައި ދޭން ގޮވާލައި "އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކެމްޕޭނެއް ފަށައި، ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް 2021 ގެ ތެރޭގައި ކޮށްފައިވެ އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ އާންމުންގެ ވޯޓަކަށް ދާން ނިންމުމުން މޭޔަރު އަލީ ނިޒާރު ވަނީ ރައީސްގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނަ ވިދާޅުވީ އައްޑޫ ސިޓީ ރޫޅައިލަން ރައީސް މުއިއްޒު ނިންމެވީ އެއްވެސް އިލްމީ ދިރާސާއެއް ކުރުމެއް ނެތި ހަސަދަވެރި މަދުބައެއްގެ ވިސްނުމަށް ކަމަށެވެ. އަދި އައްޑޫ ސިޓީ ރޫޅައިނީ ހުމުހުތާރު ޑީއާރްޕީގެ ފިކުރަށް ހަޖަމުނުވި އައްޑޫގެ އެއްބައިވަންތަކަމާއި ތަރައްގީއަށް ކުރާ ޑިމާންޑް ނެތިކޮށްލަން ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނަށް ވީ ވައުދު ނުފުއްދޭނެކަން ޔަގީންވުމުން އަޅުގަނޑުމެންތެރޭ ހަމަނުޖެހުން އުފައްދައި ވައުދުން ރެކެންޖަހާ މަޅިއަކަށް. އައްޑޫ ބްރިޖްގެ ދޮގު ވައުދުން މިންޖުވާނެ މަގެއް ކޮށާލުމެއް." މޭޔަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ