މަހޭޝްގެ ދެމަފިރިން، ރާއްޖެއިން ލިބުނު މެހެމާންދާރީއާ މެދު އުފަލުން

ތެލުގޫ ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ މަހޭޝް ބާބޫ އަންހެނުން ނަމްރަތާއާ އެކު ރާއްޖެއަށް ކުރި ދަތުރުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ފަރާތުން ލިބުނު މެހެމާންދާރީއަށް އެކްޓަރު ޝުކުރު އަދާކޮށްފިއެވެ. ބެލެވޭ ގޮތުގައި މަހޭޝްގެ ދެމަފިރިން ރާއްޖެ އައީ މި ހަފުތާގެ ތެރޭގައެވެ. މަހޭޝްއާ އެކު ނަމްރަތާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމަށް ކުރީގެ ބަތަލާގެ އަމިއްލަ އިންސްޓަގްރާމްގައި ވެސް ވަނީ ބުނެފައެވެ. ރޭގެ ވަގުތެއްގައި މަހޭޝް ވެސް ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯގައި މަހޭޝް ވަނީ ދެމަފިރިން ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ޖޯލި މޯލްޑިވްސްގައި ކަމަށް ބުނެފައެވެ. އަދި، ޖޯލި މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން ލިބުނު މެހެމާންދާރީއަށް މަހޭޝް ވަނީ ޝުކުރު އަދާކޮށްފައެވެ. އާއްމުކޮށް އާއިލީ ޗުއްޓީ ތަކުގައި މަހޭޝްއާއި ނަމްރަތާގެ ދެ ކުދިން ވަރަށް ގިނައިން ފެންނަ ނަމަވެސް ރާއްޖެއަށް ކުރި ދަތުރުގައި ދެ ކުދިން ބައިވެރިވިކަން ހާމަކޮށްފައެއް ނުވެއެވެ. މަހޭޝް އާއި ނަމްރަތާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭ ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ކުރީގެ ފިލްމީ ތަރި ނަމްރަތާ ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް އެ ދަތުރަކީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަނިލް ކުމާރު ޗަލަމަލަސެޓީގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރި ދަތުރެކެވެ. ނަމްރަތާގެ އިތުރުން މަހޭޝްއާ އެކު ޓޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން އެ ދަތުރުގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާމް ޗަރަން، ޗިރަންޖީވި އަދި ނާގަރުޖުނާ އައްކިނޭނި ހިމެނެއެވެ. ދެކުނު އިންޑިއާގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭ ހިމެނޭ މަހޭޝް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީއާ އެކު މަސައްކަތް ފަށާފައިވާ ފިލްމު "އެސްއެސްއެމްބީ29"އިންނެވެ. މި ފިލްމުން މަހޭޝްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ހޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ