ކާވާ 19 އަހަރުންދަށުގެ މުބާރާތަށް ގައުމީ ޓީމުން ލަންކާގައި ފަރިތަކުރުންތައް ބާއްވައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފިއެވެ. ރާއްޖެއާއެކު ޖުމްލަ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައެވެ. މި މަހުގެ ހަތަރަކުން އިން ފެށިގެން ނުވައެއްގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަށް ގައުމީ ޓީމު ފުރާފައިވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ސްރީ ލަންކާ، ކިރްގިސްތާނު، ނޭޕާލް އަދި ދިވެހިރާއްޖެއެވެ. އިންޑިއާ ވަނީ ފަހުވަގުތު މުބާރާތުން ނަން ނަގާފައެވެ. ލަންކާގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް ލަންކާއާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ކުޅޭނީ މާދަމާ ރާއްޖެގަޑިން 14:30 ގައެވެ. އޭގެކުރިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ ރާއްޖެގަޑިން 13:30 ގައެވެ. އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިރްގިސްތާނާއި ނޭޕާލެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ފަހެއް ނޮވެމްބަރުގައި ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މި މެޗު ވެސް ކުޅޭނީ ރާއްޖެގަޑިން 14:30 ގައެވެ. އަދި ހައެއް ނޮވެމްބަރުގައި ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ހަތްވަނަ ދުވަހު އޮންނާނީ ރޭންކިން މެޗުތަކެވެ. އެއަށްފަހު ސެމީ ފައިނަލް މެޗުތައް އޮންނާނީ އަށެއް ނޮވެމްބަރުގައެވެ. އަދި ފައިނަލް މެޗު އޮންނާނީ ނުވައެއް ނޮވެމްބަރުގައެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑު ކޯޗަކީ މިހާރު އެންމެ އަރަމުން އަންނަ އެއް ކޯޗު ކަމަށްވާ މުނާ މުނީރެވެ. އެސިސްޓަންޓު ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ މަރިޔަމް ހަލީމް (ކޮކޯ)، އާއި ހަސަން އާމިރެވެ. ޖުމްލަ 11 ކުޅުންތެރިން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރެއެވެ. މީގެތެރޭގައި މިހާރު ރާއްޖޭގައި އެންމެ އަރަމުން އަންނަ ކުޅުންތެެރިން ހިމެނެއެވެ. ޓީމުގެ ކެޕްޓަނަކީ އާމިނަތު މާނާ ނާޒިމެވެ. ވައިސް ކެޕްޓަނަކީ މިންހަތު އަހުމަދެވެ. ކާވާ 19 އަހަރުންދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު 1- މަރިޔަމް ހަމްނާ މުޙައްމަދު 2- އައިޝަތު ދީމާ ނަދީމް 3- ފާތިމަތު އަމާނީ އަޙްމަދު 4- އައިޝަތު ނީޝާ ފިރުޝާން 5- އައިޝަތު އިމްޝާ އަލީ 6- އައިޝަތު ލިވާ އިބްރާހީމް 7- އާމިނަތު މާނާ ނާޒިމް 8- އައިޝަތު ޔުމްނު ޝާހިދު 9- އީމާން އަލީ 10- އީޝަލް އަލީ 11- މިންނަތު އަޙްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ