މަނަވަރާއި ޓޭންކަރުތައް ނެރެގެން މިއަދު ހަވީރު ސިފައިން އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަނީ މަނަވަރާއި ޓޭންކަރުތައް ނެރެގެން މިއަދު ހަވީރު ސިފައިން އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަނީ

މި އަހަރު އަސްކަރިއްޔާއަށް ގެނައި މަނަވަރާއި ގަތް ޓޭންކަރުތައް ނެރެގެން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ސިފައިން މާލޭގައި އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހުށަހެޅުން ފެށޭނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ ޖުމްހުރީ މައިދާނާއި މާލޭ ފަޅު ތެރެ އަދި އެ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުގަ އެވެ.
މި ހަރަކާތަށް ތައްޔާރުވުމަށް ވޭތުވެދިޔަ ދެތިން ދުވަހު ސިފައިން ވަނީ މާލެ ކައިރި ކަނޑުގެ ސަރަހައްދުން ބަޔަކާއި ޖުމްހުރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކޮށް ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިފައިން ދައްކައިދެނީ ރާއްޖެއަށް ކުރިމަތިވެދާނެ އުދުވާނީ ހަމަލާއަކުން ސަލާމަތްވުމަށް ކަންކުރާނެ ގޮތެވެ.
ސިފައިންގެ ހަރަކާތުގެ ތެރެއިން ޖުމްހުރީ މައިދާނުގެ ވަށައިގެންވާ ބައެއް އިމާރާތްތަކުގެ މަތިން ވާޖަހައިގެން ސިފައިން ފައިބާއިރު، މާލެ ބޭރުގައި މަނަވަރު އޮންނާނެ އެވެ.
އަދި، ރަސްމީ ފާލަން ކައިރި ފިލައިން ހަދާފައިވާ ގެއެއްގެ އިތުރުން މާލެ ފަޅު ތެރޭ އަޅާފައި އޮތް ބައު ދެ ބޯޓަށް ސިފައިން ހަމަލާ ދޭނެ އެވެ. ފީނާފައި ވެސް ބައެއް ސިފައިން މާލެ އަރާނެ އެވެ. މި ހަރަކާތްތަކުގައި ސިފައިންގެއަށް އަލަށް ގެނައި އެއްގަމު އުޅަނދުތައް ވެސް ބައިވެރިވާނެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހި ވެރިކަން ބަދަލުކުރުމަށް ނޮވެމްބަރު 3، 1988 ގައި މާލެ އަށް އަރައި، 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ދިވެހިނަށް ނަސްރު ލިބުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ފާހަގަކުރަނީ "ނަސްރުގެ ދުވަސް" ގޮތުގަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް 2.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ޖަހާފައިވެ އެވެ. މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯން ތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެ އެވެ.
މިއަދު ބޭނުންކުރާ މަނަވަރަކީ ތުރުކީން ރާއްޖެއަށް ހަދިޔާކުރި 44 އަހަރުވީ ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ނުވަތަ ދިވެހި އަސްކަރިއްޔާއިން ދީފައިވާ ނަމުންނަމަ "ދަރުމަވަންތަ" މަނަވަރެވެ.
ބޭނުންކުރާ ޓޭންކަރުތަކަކީ އެޕްރީލް މަހު އެމްއެންޑީއެފްގެ ބޭނުމަށް ގަނެގެން ގެނައި ޔޫއޭއީ ސަރުކާރުގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ އެޖް ގްރޫޕުން އުފައްދާ އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' ވެހިކަލްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ