އޭޝިއަން ޔޫތު ގޭމްސް 2025: ބީޗްވޮލީ ފިރިހެން ޕެއާގެ ދެވަނަ މެޗުގައި ލަންކާ މޮޅުވީ ހަނިގޮތަކަށް

ބަހްރޭނުގެ މަނަމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓްގައި ރާއްޖޭގެ ފިރިހެން ޕެއާ ކައިރިން ލަންކާއަށް ހަނި މޮޅެއް ލިބިއްޖެއެވެ. ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާއަކީ ޝަރަފް އަބްދުﷲ އަލީއާއި މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދުގެ ޕެއާއެވެ. އިއްޔެ ގަތަރާ ދެކޮޅަށް ވެސް ރަނގަޅު ކުޅުމެއް ރާއްޖޭގެ ޕެއާއިން ދައްކާފައިވާއިރު، ލަންކާގެ ސަލްޕަޑޮރޫގެ ޑިޑޫލާމަހީނާއާއި މިޑިގަސްޕާގޭ ޑޯން ކޫސަލް ޑުލްމީނާގެ ޕެއާއިން މިއަދު ރާއްޖެ މައްޗަށްކުރި ހޯދީވެސް 2-1 ސެޓުންނެވެ. ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނަގައިގެން ގިނަ ވަގުތު ލީޑުގައި އޮތް ނަމަވެސް، އެ ސެޓު ގެއްލުނީ 21-15 އިންނެވެ. ދެވަނަ ސެޓަށް ރާއްޖޭގެ ޕެއާއިން ކުޅުން ރަނގަޅުކޮށް، ގާތްގަނޑަކަށް ސެޓު އެއްކޮށް ދިޔައީ ލީޑުކުރަމުންނެވެ. އިކްރާމާއި ޝަރަފްގެ ޕެއާއިން ޔަގީންކަމާއެކު ކުޅެ އެ ސެޓު ގެންދިޔައީ 21-12 އިންނެވެ. ޓައިބްރޭކް ސެޓުގެ ފަހުކޮޅަށް ދަންދެންވެސް ރާއްޖޭގެ ޕެއާއިން ދިޔައީ ވަރުގަދައަށް ވާދަކުރަމުންނެވެ. އެ ސެޓު ފަހުކޮޅުގައި ގެއްލުނީ 15-7 އިންނެވެ. ސެޓުގައި ރާއްޖޭގެ ޕެއާއިން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. ބީޗްވޮލީ ފިރިހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 11:00 ގައެވެ. އިންޑޮނޭޝިއާއަކީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓީމަކީ ދެވަނައަކަށް ސީޑް ކޮށްފައިވާ ޓީމެވެ. އެއްވަނައަށް ސީޑް ކޮށްފައިވާ ޓީމަކީ ތައިލެންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ