އެމްޑީޕީއާއި ޕީއެންސީގެ ތަފާތެއް ނެތް، ބޮޑުވަނީ ޕާޓީ މީހާގެ ޖީބު: އުމަރު
އިދިކޮޅު އެމްޑީޕީއާއި މިހާރު ވެރިކަމުގައި ތިއްބެވި ޕީއެންސީން ވެރިކަން ކުރާ ގޮތުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށާއި ދެ ވެރިކަމުގައި ވެސް ފެނުނީ ޕާޓީ މީހާގެ ޖީބު ބޮޑުވިތަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. އުމަރު ގެންދަވަނީ ޕާޓީތަކުގެ ވެރިކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހިންގަވާ 'ޗެނަލް 13'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މިހާރު މި އޮތް ޕީއެންސީގެ ސަރުކާރުން ވެސް ފެންނަނީ މިދިޔަ ފަސް އަހަރު އެމްޑީޕީން ކުރި ގޮތަށް ވެރިކަން ކުރާ މަންޒަރު ކަމަށެވެ. އެގޮތުން، ގިނަ ކަންކަމުގައި މި ސަރުކާރުން މިހާރު ގެންގުޅެނީ ވެސް އޭރު އެމްޑީޕީން ގެންގުޅުނު ސްޓޭންޑް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ވެރިކަން ކުރުމުގައި ދެ ޕާޓީގެ މާ ބޮޑު ތަފާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ނަސީރު: އޭނާ ވިދާޅުވީ، ޕީއެންސީއާއި އެމްޑީޕީގެ ތަފާތެއް ނެތް ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ "ދެ ޕާޓީ ވެސް ވެރިކަން ކުރީ ވެސް އަދި ކުރަމުން މި ގެންދަނީ ވެސް ތިޖޫރި ވަށައިގެން. ތިޖޫރި ހޯދަން. ދައުލަތުގެ ތެރޭގައި ހުރި ކޮންޓްރެކްޓްތައް އެ މީހުން ބޭނުން ބަޔަކަށް ދެމުން ދަނީ. ދައުލަތުގެ ރިސޯސްތައް އެ މީހުން ބޭނުން ބަޔަކަށް ދެމުން ގެންދަނީ. އެމްޑީޕީން ވެސް ހަމަ ދިން. ޕީއެންސީން ވެސް ހަމަ ދެމުން ގެންދަނީ،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ. "މި ދެ ޕާޓީ ވެސް ވެރިކަން ކުރީ އެއް ގޮތަކަށް. އިންޑިއާ ސިފައިން އިޝޫގައި ވެސް،" އުމަރު ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައިގައި ވެސް މި ސަރުކާރުގެ ވަޒީރުން މިހާރު ނަންގަވަނީ އެމްޑީޕީގެ ވަޒީރު ބޭފުޅުން ނެންގެވި ސްޓޭންޑް ކަމަށެވެ. އަދި، ވައްކަމާއި ކޮރަޕްޝަނަށް ބެލި ނަމަވެސް ދެ ޕާޓީން ކަންތައްކުރީ އަދި ކުރަމުން އަންނަނީ ދާދި އެއްގޮތަކަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. "މާރިޔާ ހަމަ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވި ވާހަކަ ޣައްސާން ވެސް މިހާރު ދައްކަވަނީ،" އޭނާ ވިދާޅުވިއެވެ. "ބޭނުން ނެތް ވަޒީފާތަކަށް މީހުން ނެގުން. ދައުލަތުގެ މުއައްސަސާތަކަށް ބޭނުންނުވާ ވަރަށް މީހުން ނެގުން. އެމްޑީޕީން ވެސް ހަމަ އާދަޔާޚިލާފަށް އެކަން ކުރީ. އަދި މި ބޭފުޅުން ވެސް އޭގެ މައްޗަށް ގިއަރު ޖައްސާފައި އެކަން ކުރަމުން އެ ގެންދަނީ،" https://sun.mv/211980 އޭނާ ވަނީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ނެތީ ދައުލަތުގެ ކޮން ކުންފުންޏެއްގައިތޯ ސުވާލު އުފައްދަވާފައެވެ. އެއީ، މިދިޔަ އެމްޑީޕީ ސަރުކާރާއި އަދި މިހާރު ޕީއެންސީން ވެސް އަމަލުކުރަމުން އަންނަ ގޮތުން ކަމަށް އުމަރު ގަބޫލުކުރައްވައެވެ. އުމަރު ވިދާޅުވީ، ދެ ވެރިކަމުގައި ވެސް ފެންނަނީ ޕާޓީ މީހުންނަށް ވަޒީފާ ދިނުމާއި، ޕާޓީ މީހުންނަށް ކޮންޓްރެކްޓްތައް ދިނުމާއި، ޕާޓީ މީހުންނަށް ފަޅުރަށްތައް ބެހުން ކަމަށެވެ. އެމްޑީޕީއާއި ޕީއެންސީއަކީ ވެސް ރައްޔިތުންނަށް ވެރިކަން ކޮށްދޭން އަންނަ ބައެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. "އެ ޕާޓީތަކަށް ކޮށްދޭ ވެރިކަމެއް، ޕާޓީގެ މެންބަރުންނަށް ކޮށްދޭ ވެރިކަމެއް،" އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ޕީޕީއެމްގައި ވެސް މަސައްކަތްކުރެއްވި އުމަރު ހޯމް މިނިސްޓަރުކަން ކުރެއްވީ ޔާމީންގެ ވެރިކަމުގައެވެ. އެކަމަކު، އެ ވެރިކަމުގެ ވަކި ހިސާބަކުން ޚިޔާލު ތަފާތުވުން ބޮޑުވެ، އޭނާ ވަނީ މިނިސްޓަރުކަމުން އިސްތިއުފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ