ޖީ.އެސް.އައި އަށް ނޭޕާލުން ތާއީދެއް ނުކުރަން: ނޭޕާލް

ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް (ޖީ.އެސް.އައި) އަށް ނޭޕާލުން ތާއީދުކޮށްފައިވާކަމަށް ޗައިނާއިން ބުނާ ބުނުން ނޭޕާލުން ދޮގުކޮށްފިއެވެ.
ބުރާސްފަތި ދުވަހުވު ވެރިރަށް ކަތަމަންޑޫގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނޭޕާލުގެ ފޮރިން ސެކްރެޓަރީ އަމްރިތް ބަހާދުރު ރާއީ ވިދާޅުވީ, އެގައުމުން ހަމައެކަނި އެއްބަސްވީ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީ.ޑީ.އައި) ގެ ގްރޫޕް އޮފް ފްރެންޑްސްގައި ހިމެނުމަށްކަމަށެވެ.
އެހެންނަމަމަވެސް ނިމުނު ހަފްތާގައި ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޮލީ އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ބެއިޖިންގައި ބައްދަލުކުރެއްވިއިރު، ނޭޕާލުން ޖީ.އެސް.އައި އާއި ޖީ.ޑީއައިގެ އިތުރުން ގްލޯބަލް ސިވިލައިޒޭޝަން އިނީޝިއޭޓިވްއަށް ތާއީދުކޮށްފައިވާކަމަށެވެ.
ނޭޕާލުން ބުނަނީ އެގައުމުން އިސްކުރަނީ ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލުކަމަށާއި، ޚާއްސަކޮށް އިސްތިރާޖީ އަދި ސަލާމަތީ އިއްތިހާދުތަކުގައި ހިމެނުމާއި ނޭޕާލުން ދެކޮޅު ކަމަށެވެ. އެހެންކަމުން ޖީ.އެސް.އައި އަށް ތާއީދުކުރުމަކީ ނޭޕާލުގެ ސިޔާސަތުތަކާއި ފުށުއަރާ ކަމެއް ކަމަށެވެ.
ޖީ.އެސް.އައި އަކީ އެމެރިކާގެ އަސްކަރީ އަދި ސިޔާސީ ނުފޫޒާއި ވާދަޔަށް ޗައިނާގެ ރައީސް 2022 ވަނަ އަހަރު އިއުލާންކުރެއްވި ސަލާމަތީ އިއްތިހާދެއް ހެދުމުގެ ވިސްނުންފުޅެކެވެ. މި އިއްތިޙާދު އެންމެ ވައްތަރު ވާނީ ނޭޓޯ އާއެވެ. ޖީ.އެސް.އައި ގެ އިތުރުން ޖީ.ސީ.އައި އަދި ޖީ.ޑީ.އައި އަކީވެސް ހުޅަނގުގެ ގައުމުތަކުން އިސްނަގައިގެން ކުރިއަށްގެންދާ ތަރައްޤީއާއި ތަހުޒީބުގެ އިނީޝިއޭޓިވްތަކާއި ވާދަކުރުމަށް ޝީ ޖިންގްޕިންގް ހުށަހަޅުއްވާ އައު ވިސްނުންފުޅުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ