12 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގުކަޕްގެ ދެވަނަ ބުރުން ޔުނައިޓެޑް ކަޓައިފި

12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުކަޕްގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.
މިރޭ އަމިއްލަ ދަނޑު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް އިނގިރޭސި ހަތަރުވަނަ ޑިވިޝަންގެ ގްރިމްސްބީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 12-11 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކޮށް ގްރިމްސްބީ އިން ވަނީ މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ..
އެންމެ ފަހުން ލީގުކަޕްގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ވާދަކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި އެފަހަރު ވެސް ހަތަރުވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ އެމްކޭ ޑޯންސް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެ ޔުނައިޓެޑް ވަނީ މުބާރާތުން ކަޓާފައެވެ.
ގްރިމްސްބީގެ ބްލަންޑެލް ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ފޯވާޑް ޗާލީސް ވާނަމް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އޭގެ އަށް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓައިރެލް ވޮރެން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ގްރިމްސްބީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލުތަކަކާއެކު ޔުނައިޓެޑުން އެޓޭކުތައް ވަރުގަދަކުރިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު ކެމަރޫން ފޯވާޑް ބްރަޔަން އެމްބޫމޯ އެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި ގްރިމްސްބީ އިން ޖެހި 13 ޕެނަލްޓީގެ ތެރެއިން 12 ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑުން ޖެހި 13 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ 11 ޕެނަލްޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ