ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލައިބްރަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ބާއްވަން އެ ޔުނިވަސިޓީން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގެ ލައިބްރަރީ ދުވަސް ފާހަގަކުރަނީ އެ ޔުނިވަސިޓީގެ އަހަރީ ދުވަސް ކަމަށްވާ 1 ސެޕްޓެމްބަރާ ގުޅުވައިގެންނެވެ.
ލައިބްރަރީއަކީ ޔުނިވަސިޓީގެ ދަރިވަރުން އަދި މުވައްޒަފުންގެ ތައުލީމީ ހަޔާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ތަނެވެ.
އެ ތަނުގެ ބޭނުން ހިފާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް އަދި އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ލައިބްރަރީ ދުވަސް ފާހަގަކުރަނީ އެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ވެސް މައުލޫމާތާއި ތަފާތު ހުނަރު ތަރައްގީ ކުރެވޭ ފަދަ ގިނަ ހަރަކާތްތަކަކާ އެކު ކަމަށް އެމްއެންޔޫން ބުންޏެވެ.
ތަފްސީލް - މި އަހަރުގެ ލައިބްރަރީ ދުވަހުގެ ތީމަކީ ރެޓްރޯ ތީމެވެ.
އެ ތީމްގެ ދަށުން، 1970، 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އާކޮށްދޭ ހަރަކާތްތަކެއް ހިމަނާފައިވާނެ ކަމަށް އެމްއެންޔޫން ބުންްޏެވެ. އެގޮތުން، އެ ދުވަސްތަކުގައި ބޭނުންކުރި ތަކެއްޗާއި މިއުޒިކާއި ކުޅިވަރުތައް ތައާރަފްކޮށްދިނުމަށް އެފަދަ ކަންކަން ތަޖްރިބާކޮށްލުމުގެ ފުރުސަތު ލައިބްރަރީ ދުވަހު ލިބޭނެކަން އެމްއެންޔޫން ފާހަގަކުރި އެވެ.
ލައިބްރަރީ ދުވަހަށް އިންތިޒާމްކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި:
ރާގު ދެނެގަތުން: 1970 އަދި 1980ގެ ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތަކުގެ ރާގު އިއްވުމުން އެއީ ކޮން ލަވައެއްކަން ބުނެދިނުން
ހަނދާނީ ފޮޓޯ ބޫތު: އެ ޒަމާނުގެ ސާމާނު ރަމްޒްކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮޓޯ ބޫތުގައި ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން
ސްނޭކް އެންޑް ލެޑާ: ހަރުފަ ކާލާއަކީ އެ ޒަމާނުގައި އެންމެ ފޯރީގައި ކުޅެއުޅުނު ކުޅިވަރަކަށް ވާތީ އެ ކުޅިވަރު ތަޖުރިބާކޮށްލުމަށް ފުރުސަތު
ހަނދާން އެބަހުރި: ކުރީ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތަސްވީރު ދެއްކުމުން އޭގެ ނަން ބުނެދިނުން؛ އެގޮތުން، ދިވެހިން އާންމުކޮށް އެ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތެރެއިން މިހާރަކަށް އައިސް ނުފެންނަ ތަކެތީގެ ތަސްވީރުގެ އެގްޒިބިޝަނެއް ނަން ދަސްކުރުން
ކުލަ ފުޅި ތަރުތީބު ކުރުން: ފޮރުވާފައިވާ ކުލަފުޅި ސެޓަކާއި އެއްގޮތަށް ކުލަފުޅި ތަރުތީބު ކުރުން
ކެރަމް ބޯޑު ކުޅުން: މިއީ ވެސް ކުރީ ޒަމާނުގައި ވަރަށް މަޝްހޫރުވެގެން ގިނަ ބަޔަކު ކުޅުނު ކުޅިވަރަކަށް ވާތީ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު
ލައިބްރަރީ ދުވަސް ފާހަގަ ކުރާއިރު، އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުން އަދި އާއިލާގެ އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.
ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ، އެމްއެންޔޫ ސްޓޫޑަންޓްސް އެސޯސިއޭޝަނާއި ލައިބްރަރީގެ ފަރާތުން ފާހަގަ ކުރާ މި ހަފްތާގެ މައިގަނޑު ބޭނުމަކީ، އެމްއެންޔޫން ބުނި ގޮތުގައި، ދަރިވަރުންނަށާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތައާރަފްކޮށްދިނުމާ އެކު ދެ ފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރުމެވެ.
މިއަދުން ފެށިގެން އަންނަ މަހު 3އަށް ކުރިއަށްގެންދާ މި ހަރަކާތް، އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އެމްއެންޔޫގެ 6 ލައިބްރަރީއެއްގައި ކުރިއަށްގެންދާނެ އެވެ. އެގޮތުން:
އެއީ ސެންޓްރަލް ލައިބްރަރީ، ހެލްތު ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބްރަރީ، ހދ. ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ގދ. ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި އައްޑޫ ހިތަދޫ ކެމްޕަސް ލައިބްރަރީ
ކޮންމެ ލައިބްރަރީއެއްގައި ވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓް ހުންނާނެ
އެކަޑެމިކް ނުވަތަ ތައުލީމީ ފޮތް، ހަދާ ދިރާސާ ރިސާޗު ރިޕޯޓް، ތީސިސް، ޑިސަޓޭޝަން، ވާހަކަ ފޮތް (ދިވެހި އަދި އިނގިރޭސި) ފޮތް ހަދިޔާ ކުރެވޭނެ
އެފަދަ ފޮތް ހޯދުމަށް ފައިސާގެ އެހީތެރިކަން ވެސް ދެވިދާނެ
އޭގެ އިތުރުން، މި ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދާ އެހެން ކަންކަމުގެ ތެރޭގައި ހިމެނެނީ:
މި ޒަމާނުގެ ލިޔުންތެރިންގެ ފޮތް ތައާރަފް ކުރުން
އެ ފަރާތްތަކުގެ ފޮތް ލިޔުމުގެ ތަޖުރިބާ ހިއްސާކުރުން
ވާދަވެރި މާހައުލެއްގައި އެންމެ ގިނަ ފޮތް ޖަމާކުރެވޭ ދުވަހެއް ފާހަގަ ކުރުން
ގޭގެއަށް ގޮސް ފޮތް ހޯދުމުގެ މަސައްކަތް ކުރުން
ފޮތް ހަދިޔާ ކުރާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުން
އެމްއެންޔޫގެ ލައިބްރަރީ ދުވަސް ފާހަގަކުރުން ގިނަ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ