ރިޓަޔާކޮށްފައިވާ މަރަޑޯނާގެ 10 ނަމްބަރު ޖޯޒީ ޑި ބްރޭނާ އަށް؟ ރިޓަޔާކޮށްފައިވާ މަރަޑޯނާގެ 10 ނަމްބަރު ޖޯޒީ ޑި ބްރޭނާ އަށް؟

ނޭޕްލްސް، އިޓަލީ (ޖުލައ 17) - އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން އެ ކްލަބަށް ކުރިން ކުޅުނު އާޖެންޓީނާގެ ލެޖެންޑަރީ، ޑިއޭގޯ މަރަޑޯނާގެ ޝަރަފްގައި ރިޓަޔާކޮށްފައި އޮތް 10 ނަމްބަރު ޖޯޒީ، ދާދި ފަހުން އެ ޓީމާ ގުޅުނު ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާ އަށް ދޭން ނިންމުމާ ބެހޭގޮތުން އަދި ރަސްމީކޮށް މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.
ނަޕޯލީ އަށް ދެ ފަހަރެއްގެ މަތިން އިޓަލީގެ ޗެމްޕިއަންކަން ހޯދަން ތަފާތު ދެއްކި، މަރަޑޯނާގެ 10 ނަމްބަރު ޖާޒީ، އެހެން ކުޅުންތެރިޔަކަށް ނުދޭން ނިންމީ 2000 ވަނަ އަހަރު އެވެ.
އެކަމަކު، ނަޕޯލީ ބަނގުރޫޓުވެ، މީގެ 20 ވަރަކަށް އަހަރު ކުރިން، 2004-2006 އަށް އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި، އެ ކްލަބުން ވާދަކުރިއިރު، 10 ނަމްބަރު ޖޯޒީ ބޭނުންކުރި އެވެ. އެއީ، އެ އޭރު މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން، 1 އިން ފެށިގެން 11 އާ ދެމެދުގެ ނަމްބަރުތައް ބޭނުންކުރަން މަޖުބޫރުވާތީވެ އެވެ.
ހިލޭ ޓްރާންސްފާއެއްގައި ނަޕޯލީ އަށް ބަދަލުވި ޑި ބްރޭނާ، އެ ކްލަބްގެ ޓްރެއިނިން އަށް ނުކުތްއިރު، ލައިގެން ހުރީ 10 ނަމްބަރެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، މިއީ ޑި ބްރޭނާގެ ޓްރެއިނިން ކިޓްގެ ނަމްބަރެކެވެ. އަސްލު އޭނާ އަށް 10 ނަމްބަރު ދޭން ނިންމާފައިވާ ކަމެއް ކްލަބުން އިއުލާނުކޮށްފައިނުވާއިރު، އެ ކަމާ މެދު ކްލަބް ސަޕޯޓަރުންގެ އޮތީ ދެކަފި ވިސްނުމެކެވެ.
ނަޕޯލީގެ ސްޓޭޑިއަމަށް ވެސް، މަރަޑޯނާގެ ނަމުން ނަން ދީފައިވާއިރު، އޭނާގެ ޝަރަފުގައި ރިޓަޔާކޮށްފައި އޮތް ޖޯޒީ ނަމްބަރެއް އަލުން ބޭނުންކުރާނަމަ، އެ ކްލަބުން ރަސްމީކޮށް އެކަން އިއުލާނުކުރަން ޖެހޭނެ ކަމަށް ގިނަ ސަޕޯޓަރުން ބުނާއިރު، އެ ނަމްބަރު ޑި ބްރޭނާ ބޭނުންކުރުމާ މެދު މައްސަަލައެއް ނެތް ސަޕޯޓަރުން ވެސް ގިނަ އެވެ.
އިޓަލީގެ މީޑިއާތަކުން މި ކަމުގައި، ނަޕޯލީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ