ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

ފުލުހުންގެ އިދާރާ އިސްލާހުކުރަން އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ދިވެހި ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ކަމަށާއި އިސްތިއުނާފީ އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު، ފުލުހުންގެ އިދާރާއިން މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތުގައި އެއްގޮތް ނޫން ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި ފުލުހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު، ފުލުހުންގެ ވަޒީފާއިން ވަކިކުރަން އެ އިދާރާއިން ނިންމި ބައެއް އޮފިސަރުންނަށް ސިވިލް ކޯޓުގެ ހުކުމަށްފަހު، އެ ހުކުމް ރަނގަޅު ކަމަށް ބަލައިގެން ޕްރޮމޯޝަން ދީފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"އެއްކޮޅުން އެ ހުކުމުގެ ސައްހަކަމާމެދު ދައުލަތުން ސުވާލު އުފައްދަމުން، އަދި ހަމަ އަނެއްކޮޅުން އެ ހުކުމަށް ރިއާޔަތްކޮށް އެއްބަޔަކަށް ޕްރޮމޯޝަން ދެމުންދާ ދިޔުމަކީ އިސްތިއުނާފުގައި އޮތް މައްސަލައިގައި ދައުލަތުގެ ސްޓޭންޑާ ތައާރުޒުވާ ގޮތަށް ހިންގިފައިވާ އަމަލުތަކެއް ކަމުގައި އަހުރެންނަށް ފާހަގަކުރެވެ އެވެ. މިއީ އެއް އަތުން ފިރުމަމުން އަނެއް އަތުން އެ ފިރުމިތަނުގައި ޖަހަމުން ދިޔުންފަދަ ކަމެއްކަމުގައި އަހުރެންނަށް ސިފަ ކުރެވެ އެވެ،" ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި އެވެ.
ފުލުހުންގެ އިސް ފަސް އޮފިސަރުން އެ މުއައްސަސާގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމީ އޯގަސްޓު 9، 2021 ގަ އެވެ. އެ ނިންމުމާ އެއްގޮތަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު މުހައްމަދު އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ޖަމްޝީދުއަށް އޮކްޓޫބަރު 10، 2021 ގައި ފުލުހުންގެ އިދާރާއިން ދިނެވެ.
ފުލުހުންގެ ބޯޑުން އެ އޮފިސަރުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން އެދި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޮކްޓޫބަރު 6، 2021 ގަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ޑިސެމްބަރު 21، ގައި ހުކުމް ކުރީ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ބާތިލު ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރަން އެދި ފުލުހުންގެ ބޯޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މާޗު 2، 2023 ގަ އެވެ.
ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުގެ އަމުރު ރަނގަޅު ކަމަށް ބަލައިގެން ފުލުހުންގެ އިދާރާއިން ވަނީ، އެ މުއައްސަސާގެ ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުالله ޝަރީފް އާއި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ޕްރޮމޯޝަން ދީފަ އެވެ. އަދި އެމީހުންނަށް ޕްރޮމޯޝަން ދިނީ ދަށު ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކޮށްގެން ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކުރި އެވެ.
ދަށު ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އެ ދެމީހުންނަށް ޕްރޮމޯޝަން ދިން ނަމަވެސް، ފުލުހުންގެ ވަޒީފާއިން ވަކިކުރިކަން އަންގައި ލިޔުން ދިން އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު އަލުން ވަޒީފާއަށް ނެރެން ފުލުހުން ދެކޮޅު ހަދާފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ފުލުހުންގެ އަމަލުތައް ދެފަހަރު ދެގޮތަށް ހުރުމުން އިސްތިއުނާފާމެދު ސުވާލު އުފެދޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމު ބާތިލު ކުރަންޖެހޭ ކަމަށް ފުރަތަމަ ރައުޔު ނެރުނީ ފަނޑިޔާރު ހަދަން ޝަފީއު އެވެ. އޭނާގެ ރައުޔަށް ތާއީދު ކުރެއްވީ ފަނޑިޔާރު އަބްދުލްމާނިއު ހުސެއިން އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނުނު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله ގެ ރައުޔު އަނެއް ދެ ފަނޑިޔާރުންނާ ކުޑަކޮށް ތަފާތެވެ. އޭނާގެ ރައުޔުގައި ވިދާޅުވީ ފަނޑިޔާރު ޝަފީއުގެ ރައުޔުގެ ބޮޑު ބަޔަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މުޅި އިސްތިއުނާފީ މައްސަލަ ބާތިލު ކުރަން ނުފެންނަ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ