އިބްރާހީމްގެ ދެވަނަ ފިލްމު އަންނަ މަހު ޖިއޯ ހޮޓްސްޓާއަށް

މި އަހަރުގެ މާޗް މަހު ނެޓްފްލިކްސްގައި ޕްރީމިއަކުރި ފިލްމު "ނާދާނިޔާން"އިން ބޮލީވުޑަށް ތައާރަފުވި އިބްރާހިމް އަލީ ޚާންގެ ދެވަނަ ފިލްމު އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށް ފިލްމުގެ ޓީޒާ ވެސް ބެލުންތެރިންނަށް ދައްކާލައިފިއެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ފިލްމަކީ ކުޅަދާނަ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފިލްމުވެސްމެއެވެ. ފިލްމު "ސަރުޒަމީން"އަކީ އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާނެ ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ފިލްމެކެވެ. ނެޓްފްލިކްސްގެ ފިލްމު "ނާދާނިޔާން"ގެ މަސައްކަތް ފެށުމުގެ މާކުރިން އިބްރާހީމް ވަނީ "ސަރުޒަމީން"ގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. "ސަރުޒަމީން"ގެ ޓީޒާގެ ބައެއް މަންޒަރުތައް--ފޮޓޯ/ހިންދުންސްތާންޓައިމްސް މި ފިލްމުގެ ޓީޒާގައި އިބްރާހިމް ފެންނަނީ އޭނާގެ މިޒާޖާ ވަރަށް ތަފާތު ސީރިއަސް މީހެއްގެ ރޯލްއިންނެވެ. ބަތަލާ ކާޖޮލް އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ކަޝްމީރުގައެވެ. މި ފިލްމާ ބެހޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައި ވަނީ، މިއީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖައްސާނެ ފިލްމެއް ކަމަށެވެ. މިއީ ހަމައެކަނި ތުރިލާއެއް ނޫން ކަމަށާއި މި ފިލްމުން އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކާއި އާއިލާގެ ޒިންމާތަކުގެ މުހިއްމުކަން ދައްކުވައިދޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ. މި ފިލްމު ޖިއޯހޮޓްސްޓާގައި ޕްރީމިއާ ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 25ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ