މުސްލިމުން ތަފާތު 4 މަޛްހަބަސް އުޅެމުން އަންނާތީއާއި އަދި އެއްވެސް މަޛްހަބެއް ޤަބޫލުނުކުރާ ބައަކުވެސް ތިބުމުން ޢިލްމްވެރިންގެ ބަސްފުޅުތައް ތަފާތުވާނެއެވެ. ދެއްވާ ފަތުވާވެސް ތަފާތުވާނެއެވެ. ނަމަވެސް އެކަމަކީ އެއްވެސް ޢިލްމްވެރިއަކަށް ބުރަބަސް ބުނަން އޮތް ސަބަބެއް ނޫނެވެ.
ޤުރްއާނަށް ޢަމަލުކޮށް އަދި ސުންނަތުން ޘާބިތުވާން އޮތް ގޮތަކަށް ޢަމަލުކުރާނަމަ އެމީހަކީ މުސްލިމެކެވެ. އެމީހަކު އެހުރީ ޙައްޤު މަގުގައެވެ. އެފަދަ މީހަކާއި ދިމާއަށް ނުބައިބަސްތައް ނުބުނާށެވެ! ޢަމުދުން އެފަދަ މީހަކަށް ކާފިރެކޭ ނުބުނާށެވެ!
މުންކަރާތްތައް ހިންގުމުން އެއީ މުންކަރާތެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރެއްވެވުމުން ދެރަކޮށް ނިކަމެތިކޮށްލުމުގެ ގޮތުން "ކަލޭ ތިއަހުރީ އުޑަކު ނޫނޭ އަހުރެމެން ފަދައިން ބިންމަތީގައޭ" ބުނާބައަކު އަބަދުވެސް އުޅެއެވެ.
މިއުންމަތަށް ޙަރާމް ޙަލާލާއި މުންކަރާތާއި އަޅުކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުނގަންނަވައި ދެއްވެވީ ސުވަރުގެ ވަޑައިގެންނެވި ފަހަކުން ނޫނެވެ. މިބިންމަތީގައި އަހުރެމެން ފަދައިން ހުންނަވައިގެންނެވެ. އުދަސް އުފއްލަވައިފި މީހަކަށް އުޑުގައި ހުރެގެން ދުނިޔޭގައި ހިނގާ ކަންކަމަށް ބަސްބުނުމުގެ އިޒުނަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.
އުޑަށް އުފުއްލަވާފައިވާ ޢީސާ ޢަލައިހިއްސަލާމްވެސް މީސްތަކުންނާއި ދެން މުޚާޠަބް ކުރައްވަވާނީ ﷲ ތަޢާލާ ޢީސާ ޢަލައިހިއްސަލާމް ބިމަށް ފޮނުއްވެވުމުން ބިންމަތީގައެވެ. އުޑުގައި ހުންނަވައިގެނެއް ނޫނެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށް އުނގަންވައިދެއްވެވި ޙުކުމްފުޅުތައް ބަޔާން ކުރައްވައި މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގެ މަސްއޫލިއްޔަތު މިއަދު ވަނީ ދީނީ ޢިލްމުވެރިންގެ ކޮނޑުފުޅުގައެވެ. ބައެއް ޢިލްމުވެރިން ޙައްޤު ބަސް ވިދާޅުވަން ފަސްޖެހިވަޑައިގަތުމަކީ ޙައްޤުބަސް ވިދާޅުވަން ބޭނުންފުޅުވާ ޢިލްމުވެރިން ދެކެ ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ރުޅި އައުދެވޭނަމަ މައްސަލައަކީ އެމީހެކެވެ.
ހުރިހާ ނަބީބޭކަލުންނާ ރަސޫލްބޭކަލުންވެސް ޙައްޤުބަސްފުޅު ވިދާޅުވެ ދީނަށް ގޮވައިލެއްވެވީ ބިންމަތީގަ ތިއްބަވައިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ