އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތުން މިހާތަނަށް ކުޅުނު ދެމެޗުންވެސް އެޓީމު މޮޅުވީ އުނދަގުލުން ކަމަށާއި، މޫސުމާއި ދަނޑުގެ ކަންކަން އަދިވެސް އުނދަގޫވާ ކަމަށް އެޓީމުގެ ޕޯޗުގަލް ކޯޗު ރުއި ބެންޓޯ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގްރޫޕް އޭގެ ތިންވަނަ މެޗުގައި ކުވައިތުން ޕާކިސްތާން ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ކުވައިތުން ދެ މެޗުން ދެ މޮޅު ހޯދައި ގްރޫޕުގެ އެއްވަނައިގައި އޮތް އިރު، އެ ގްރޫޕުން ސެމީގެ ޓީމުތައް ކަށަވަރުވާނީ މިރޭ އިންޑިއާ-ނޭޕާލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ނޭޕާލަށް އިތުރަށް ކުރިއަށްދާން މިރޭ އިންޑިއާ ބަލިކުރަން ޖެހޭ އިރު، އިންޑިއާ މޮޅުވެއްޖެނަމަ، އިންޑިއާއާއި ކުވައިތަށް ސެމީ ޔަގީންވާނެއެވެ. ޕާކިސްތާނަށް ދެން އޮތީ ސެމީގެ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ދެ މެޗުން ދެ ބަލިވުމުންނެވެ.
ބެންޓޯ ކުރިންވެސް ބެންގަލޫރުގެ ވިއްސާރައިގެ ވާހަކަތައް ދައްކާފައިވާ އިރު، އޭނާ ވަނީ ކުރީ މެޗަށްފަހުވެސް ދަނޑުގެ ވާހަކަ ދައްކައިފައެވެ. އަދި މިއަދުގެ މޮޅަށް ފަހުވެސް ބެންޓޯ ވަނީ އެ ވާހަކަ ތަކުރާރުކޮށްފައެވެ.
"އަހަރެން އަބަދުވެސް ނުކުންނާނީ އިދިކޮޅު ޓީމުތަކަށް އިހުތިރާމް ދީގެން. އަހަރެމެންނަށް އަދިވެސް އުނދަގޫތަކެއް އެބަހުރި. މިއަށްވުރެ ރަނގަޅު ކުރެވޭނެ. މިހެން މިބުނެވެނީ ދެވަނަ ފަހަރަށް ކަންނޭނގެ. އެހެންވިޔަސް ބުނަން ބޭނުން މި މޫސުމުގައި ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް އަހަރެމެންނަށް. މޫސުމުގައި ކުޅުމަކީ މުޅިން އާ ތަޖުރިބާއެއް. ދަނޑުގެ ވާހަކަވެސް ކުރިންވެސް ދެއްކިން. އެއީ މޫސުން ގޯސްވުމުން،" ބެންޓޯ ބުންޏެވެ.
ކުވައިތަށް އެއްވަނައިގައި ސެމީ ޔަގީންކުރަން އިންޑިއާ ބަލިކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ އިރު، ބެންޓޯ ބުނީ އިދިކޮޅުން ނުކުންނަ ޓީމަށް ނުވިސްނާ ކަމަށާއި، އަބަދުވެސް ސަމާލުކަން ދޭނީ އަމިއްލަ ކަންކަމަށް ކަމަށެވެ.
"އަހަރެން އަބަދުވެސް ފުރަތަމަ ބަލާނީ އަހަރެމެންގެ ޓީމަށް. އިދިކޮޅަށް ކުޅޭ ޓީމަކަށް ނޫން. އަހަރެމެންގެ އަމިއްލަ ބާރުގައި ޓީމުތަކާ ކުރިމަތިލާން ބޭނުންވަނީ. އަހަރެމެން ޓީމުގައި ހުރި ވަރުގަދަ ކަންކަމަށް އަބަދުވެސް ފޯކަސް ކުރާނީ. އަހަރެމެންނަށް ހުރި އުނދަގޫތަކަށްވެސް ހައްލު ހޯދަން މަސައްކަތް ކުރާނީ އަބަދުވެސް. އާ ކުޅުންތަކަކަށް ފުރުސަތު ދިނުމަކީ އަބަދުވެސް މުހިއްމު ކަމެއް. މިކަހަލަ މުބާރާތަކަށް ހުރިހާ ކުޅުންތެރިން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަހަންނަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މުހިއްމު، އެ ކުޅުންތެރިންނަށް އިތުބާރުވެސް ކުރަން،" ބެންޓޯ ބުންޏެވެ.
މިއަދުގެ މެޗުގައި ރަނގަޅު ކައުންޓާތަކެއް ކުވައިތުން ފެނުފައިވާ އިރު، ކޯޗު ބެންޓޯ ބުނީ އެއީ ކުވައިތުގެ ސްޓައިލް ކަމަށާއި، އެ ސްޓައިލަށް ހާނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް އެއީ ކުވައިތުގެ އޭނާ ބޭނުންކުރަމުންދާ ޕްރޮސެސް ކަމަށް ކޯޗު ބެންޓާ ބުންޏެވެ. އަދި ޑިފެންސުން އެޓޭކަށް ބަދަލުކުރާ ކުރުމުގައި އަދިވެސް މިހާރަށްވުރެ ރަނގަޅަށް ޓްރާންސިޝަންތައް ފުރިހަމަކުރަން މަސައްކަތް ކުރާ ކަމަށް ކުރިން ބެންފިކާއަށް ކުޅުނު ބެންޓޯ ބުންޏެވެ.
އިންޑިއާ މެޗާ ގުޅޭގޮތުން ބެންޓޯއާ ސުވާލުކުރުމުން އޭނާ ބުނީ އެ މެޗަށް ވިސްނުމުގެ ކުރިން ރެސްޓްކޮށް، ރިކަވާވުމަށް ބޭނުންވާ ކަމަށާއި، އެ މެޗަށް ވިސްނުމުގެ ކުރިން ކުޅުންތެރިންނަށް އުފާވެރިކަމުގެ ވަގުތު ކޮޅެއް ދޭން ބޭނުންވާ ކަމަށެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ބެންޓޯއަށް އަދިވެސް ކަންބޮޑުވުމަކީ މޫސުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ