އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީ އަށް

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.މިނިސްޓަރު ހަލީލް ޔޫއޭއީއަށް ވަޑައިގެންފައި ވަނީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށެވެ.ހަލީލްގެ މި ދަތުރުގައި، ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިއާއަތް ކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ."މި ދަތުރުފުޅުން، ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ޔޫއޭއީ އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ގުޅުން އިތުރު ކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.މި ދަތުރުފުޅުގައި ހަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފޮރިން މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ވަޑައިގެންފައިވަނީ އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް ފަހުގައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން މަޝްރޫއުތަކެއް ހިންގަން އިންޑިއާއާ އެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ