އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން، މިއީ އިސްލާހަށް މަސައްކަތް ކުރާ މީހެއް: ގާސިމް

ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށާއި އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރައްވާ މީހެއް ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވަރަށް ގިނައިން އެކި ޕްލެޓްފޯމު ތަކުގައި އެކި މީހުން އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އެއްވެސް އިރަކު އޭނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށާއި އޭނާ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރައްވަމުން އައި މީހެއް ކަމަށް ގާސިމް ވިދާޅުވިއެވެ. "ސިޔާސީ މީހުން އުޅޭ ވައްތަރަށް އުޅޭ މީހެއް ނޫން އަޅުގަނޑު މީ. އެމީހުން އުޅޭ ގޮތަށް އުޅެންޏާ އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ މުޅި ޒިންދަގީ ދުއްވާލާނެ ކަން،" އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން ކުރި ހޯއްދަވައިގެން ވަޑައިގަންނަވަން ބޭނުން ނުވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ. ގާސިމް ވިދާޅުވީީ ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ހޯދުމަކީ އެނާގެ "ލެގަސީ"އެއް ނޫން ކަމަށެވެ. "ރައީސްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ އަޅުގަނޑުގެ ލެގަސީއެއް ނޫން. އެއީ ކޮންމެހެން ބޭނުންވާ ކަމަކަށް ނުވާތީ އެކަން ނުކުރަނީ،" އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ހޯއްދަވަން ޖެހުނު މަގާމުތަކެއް ހޯއްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ހޯއްދަވަނީ އެ ބޭނުމަށް ކަމަށާއި މަޖިލީހުގައި ހުންނަވަން ޖެހޭ އެ ނޫން އިތުރު ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާއަށް މިހާރު އުމުރުން 73 އަހަރު ވާން އުޅޭ އިރު ގައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެއެވެ. މިހާތަނަށް ލިބުނު އާމްދަނީގެ 60 ޕަސެންޓު ހަރަދު ކުރީ ގައުމަށާއި ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށާއި މާތްﷲ ގެ މަގުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާކީ 40 ޕަސެންޓް ހޭދަކުރަނީ އިންވެސްޓްމަންޓުތަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް މިހެން ވިދާޅުވެފައިވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ