ޓެސްޓު ނުކުރަނީ ގާސިމް، އަޖުމަ ބަލަން ފުރުސަތުދީ: ނިހާން

ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުން ޓެސްޓު ނުކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި އަޖުމަ ބަލަން އެމަނިކުފާނަށް ފުރުސަތު ދިނުމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
މީޑިޔާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ރޭ "ސަންގުޓީވީ" ގައި ވާހަކަދައްކަމުން ނިހާން ވިދާޅުވީ ގައުމަށް ދިމާވެފައި ހުރި ވަރަށް ގިނަ މައްސަލަތަކުގެ ހައްލު ގެންނަން ހުރިހާ މަރުހަލާއެއްގައި ގާސިމް އުޅުއްވި ކަމަށާއި ނަމަވެސް ގާސިމްގެ އަތްޕުޅަށް މިހާތަނަށް މި ހައްލުތައް ގެންނަން ރައްޔިތުން ބާރުވެރިކަން ދީފައި ނުވާ ކަމަށެވެ.
އެގޮތުން 1984 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑިމޮކްރެސީ މަރުހަލާގެ ތެރެއަށް ބަދަލު ގެންނަން އެންމެ ފަރުދަކު ޖާނާއި މާލުން ގުރުބާންވި ފަރާތެއް ރާއްޖޭގައި މިވަގުތު ދިރިހުރެއްޖެނަމަ އެއީ ގާސިމް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެެ ވިސްނުންފުޅު ހެޔޮ ވިސްނުމަކަށް ބަދަލުކޮށްގެން އަޅެ އެމަނިކުފާނުގެ އަތްޕުޅަށް ދެއްވަބައްލަވާށޭ އެންމެ ފަހަރަކު މި ބަދަލު ގެނައުމުގެ ބާރުވެރިކަން. މިއިން އެއްވެސް ކަމެއް އެ ބޭފުޅުން އެދިވަޑައިގަންނަވާ މިންވަރަށް ނުކޮށްދީ އެމަނިކުފާނު ވަޑައިނުގަންނަވާނެކަން އެއީ ޔަގީން ކަމެއް." ނިހާން ވިދާޅުވި އެވެ.
ނިހާން ވަނީ ގާނޫނީ ގޮތުންނާއި، އިޖުތިމާއީ އަދި ދީނީގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހާއެޅުންތައް އިސްލާހު ކުރައްވަން ރާއްޖޭގައި ހުރި ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށްވެސް ވިދާޅުވެފަ އެވެ.
"ރައްޔިތުން އަދި އެ ބޭފުޅަކު އެގޮތަށް ޓެސްޓު ނުކޮށް ހުރި ބޭފުޅަކަށް ވެއްޖެއްޔާ އެ ބޭފުޅަކީ ހަމަގައިމު ވެސް ގާސިމް. ވަރަށް ގިނަ ހައްލުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ." ނިހާން ވިދާޅުވި އެވެ.
ރައްޔިތުން މިއަދު ވިސްނަންވީ އިހުލާސްތެރިކަމާއެކު ކަމެއް ކޮށްދޭނެ ފަރާތަކާއި މެދު ކަމަށާއި އެގޮތުން ރާއްޖެ މިހާރު ވެއްޓިފައި އޮތް ހާލަތުން އަރައިގަނެ ރާއްޖެ ރަނގަޅު ޓްރެކަށް ގެންގޮސްދޭން ތަޖުރިބާ ހުރި ބޭފުޅެއް މުހިއްމު ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ގާސިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ފަރާތެއް ނޫން ކަމަށާއި ރައްޔިތުންގެ މާލިއްޔަތުގެ މައްޗަށް އަމާނާތްތެރިވާނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
"ވަރަށް ބައިވަރު ފަރާތްތައް ޓެސްޓު ކުރެވިއްޖެ. ސިޔާސީ މަރުހަލާގެ ތެރޭގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނާއި ވަރަށް ގިނަ ކަންތައްތައް ހަވާލުކުރައްވައިފިއޭ. އަޅެ އަޖުމަ ބެލުމުގެ ގޮތުން އެ ބޭފުޅުންގެ ވިސްނުން ގާސިމްގެ ސިޔާސީ ވިސްނުންފުޅާ ދިމާލަށް ކުޑަކޮށް އަނބުރާ ބައްލަވާށޭ، ނަތީޖާ ފެންނަނީ ކިހިނެއްތޯ ބަލާލަން." ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ