"ގާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް" 4 ދަރިވަރުން ހާސިލްކޮށްފި

ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ގާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް" އެ ކޮލެޖުގެ 22 ދަރިވަރަކު ހާސިލްކޮށްފިއެވެ.
ވިލާ ކޮލެޖުން ކުރިއަށް ގެންދިޔަ ތައުލީމީ އެކިއެކި ޕްރޮގްރާމްތަކުން ތަފާތުބޮޑު ނަތީޖާ ހާސިލް ކުރައްވައި ގާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް ހާސިލް ކުރެއްވި ބޭފުޅުންނަށް އެވޯޑާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރާއި، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިޑެންޓް އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހަންމަދު ދީދީއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.
ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްދިނުން އަންގާރަ ދުވަހުގެރޭ ބޭއްވި އިރު، ވިލާ ކޮލެޖުން ވޭތުވެދިޔަ 2 އަހަރު ދަސްވެނިވި ދަރިވަރުންގެ ގުރެޖުއޭޝަން 2 ސެޝަންއެއް ވޭތުވެދިޔަ 3 ދުވަހު ވަކި ވަކިން ބާއްވާފައި ވެއެވެ.
2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވިލާ ކޮލެޖުން 541 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މި 541 ދަރިވަރުންނަކީ ވިލާ ކޮލެޖުގެ ތަފާތު 15 ޕްރޮގްރާމެއް ފުރިހަމަކޮށް ސަނަދު ހާސިލުކުރި ދަރިވަރުންނެވެ.
އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ، ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ވިލާ ކޮލެޖުން ދަސްވެނިވުމުގެ ހަފުލާތައް ކުރިއަށް ގެންދާނީ ސެޝަންތަކަށް ބަހާލައިގެންނެެވެ.
ވިލާ ކޮލެޖުން މިއަހަރު އެންމެ ފުރަތަމަ ސަނަދު ހާސިލުކުރިކަމުގެ ލިޔުން ދީފައިވަނީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމުތަކުން ކިޔެވި ދަރިވަރުންނަށެވެ. އެ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 170 ދަރިވަރުންނަކީ ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، މާކެޓިން އަދި ހިއުމަން ރިސޯސަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރި ދަރިވަރުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހަޔރ އެޑިޔުކޭޝަން އިންސްޓިޓިއުޓް ކަމަށްވާ ވިލާ ކޮލެޖުން މިހާތަނަށް ދަސްވެނިވި ދަރިވަރުންގެ އަދަދު މިހާރުވަނީ 15،899 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ