ހެނބަދޫ ފެނުގެ ނިޒާމުގެ 80 ޕަސެންޓް ނިމިއްޖެ

އެމްޑަބްލިއުއެސްސީއިން ނ. ހެނބަދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މި މަސައްކަތުގެ ދަށުން، ފެނުގެ ނިޒާމުގައި ހިމެނޭ 4.83 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތަކާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޯރުކޮށްދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. ނ. ހެނބަދޫގެ ފެނުގެ މަސައްކަތް --- ފޮޓޯ/ އެމްޑަބްލިއުއެސްސީ. ހެނބަދޫގެ ފެނުގެ މަޝްރޫޢު ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 36.41 މިލިއަން ދިވެހި ރުފިޔާ އަށެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ