މާލޭގެ އިދާރާތަކާއި އަތޮޅުތަކުގެ އިދާރާތަކަށް ކަރަންޓް ބިލް ކުރުމުގައި ތަފާތު ބޮޑު، ޝުޖާގެ ކަންބޮޑުވުން!

މާލެ ސަރަހައްދުގެ ސަރުކާރުގެ އިދާރާތަކާއި އަތޮޅުތަކުގެ ސަރުކާރު އިދާރާތަކުގެ ކަރަންޓް ބިލް ކުރުމުގައި ތަފާތު ބޮޑުކަން ފާހަގަކުރައްވާ ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝުޖާއު ވިދާޅުވީ ފެލިދެ އަތޮޅު ކައުންސިލްތަކަށް ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެނީ ސަރުކާރުގެ ކުންފުނި، ސްޓެލްކޯގެ ފަރާތުން ކަމަށާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އިދާރާތަކުންނާއި ކައުންސިލްތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" ގެ ތަފާތު ބޮޑު ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ބޭ އިންސާފާއި ތަފާތުކުރުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ހިންގުމުގެ ހަރަދުތަކުގެ ތެރެއިން ކަރަންޓަށް ކުރަންޖެހޭ ހޭދަ މަހުން މަހަށް ބޮޑުވަމުން ދިޔުމަކީ ކައުންސިލްތަކުން ހިންގުމަށްވެސް އެކަމުން ދަތިތައް ފޯރުމުންދާ ކަމެއް ކަމަށައި މާލެގެ ސަރުކާރުގެ އިދާރާތަކާއި އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ އިދާރާތައް ގާއިމުުރެވިފައިވާނީ އެއް މަގްސަދުތަކެއް ހާސިލުކުރުމަށް ކަމަށެވެ.
ދިވެހި ރާއްޖޭގެ ހަކަތާއިގެ ގާނޫނުގައި ކަރަންޓް އުފައްދައި ފޯރުކޮށްދޭ ފަރާތްތަކާއި ކަރަންޓްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ބަޔާންކުރާ މާއްދާގައި ކަރަންޓްގެ ހިދުމަތަށް ދައްކާ އަގަކީ އިންސާފުވެރި، ދެފުއްފެންނަ އަދި އެކަށޭނެ އަގެއް ކަމުގައި ވުން ކަމަށް ބަޔާންކޮށްފައިވާ ކަން ވެސް ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.
ޝުޖާއު ވަނީ އަތޮޅު ތެރޭގައި ހިންގޭ ސަރުކާރުގެ އިދާރާތަކާއި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އިދާރާތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" ގެ ތަފާތު ނައްތާލައި މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އިދާރާތަކުން ނަގަމުންދާ "ބޭންޑް" އަދި "ރޭޓް" އާއި އެއް ހަމަކުރުމަށް އެ ފަރާތަށް ގޮވާލައްވާފައެވެ.
ޝުޖާއު ހިއްސާކުރައްވާފައިވާ މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ އިދާރާތަކުން ނަގާ "ބޭންޑް" އަދި "ރޭޓް" ގެ ތަފްސީލަށް ބަލާއިރު އަތޮޅު ތެރޭގެ ކަރަންޓުން ނަގަމުންދަނީ 100 ޔުނިޓާ ހަމައަށް 4.50 ރުފިޔާއެވެ. އެހެންނަމަވެސް މާލޭގެ ސަރުކާރުގެ އިދާރާތަކުން ނަގަމުންދަނީ 3.30 ރުފިޔާއެވެ. އަދި 600 ޔުނިޓަށްވުރެ ގިނަވާނަމަ މާލޭގެ ސަރުކާރުގެ އިދާރާތަކުން 4.35 ރުފިޔާ ނަގަމުން ދިޔަ ނަމަވެސް އަތޮޅު ތަކުން ނަގަމުންދަނީ 7.50 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ