ޒަމީރުގެ އިތުރު ހެޓްރިކަކާއެކު ހެނބަދޫ އަތުން ހޮޅުދުއަށް މޮޅެއް

ސިޔާމް-މައުރޫފް ކަޕްގައި ވާދަވެރި ކުޅުމަކަށްފަހު ހެނބަދޫ އެފްޓީ އަތުން ހޮޅުދޫ އެފްސީ މޮޅުވެއްޖެ އެވެ. ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ހެނބަދޫގެ މައްޗަށް ހޮޅުދޫން ކުރި ހޯދާފައި ވަނީ 5-4 ލަނޑުގެ ނަތީޖާއަކުންނެވެ. ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދޫ މޮޅުވީ 5-4 ލަނޑުން --- އެ މެޗުގެ ނުވަ ވަނަ މިނެޓުގައި ހެނބަދުއަށް މުހައްމަދު ޝަހީން ލީޑު ހޯދައިދިން އިރު، މެޗުގެ 13 ވަނަ މިނެޓުގައި ހޮޅުދުއަށް މުހައްމަދު ރިޔާޒު ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ހޮޅުދުއަށް ފުރަތަމަ ފަހަރަށް މުހައްމަދު ރިޔާޒް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 23 ވަނަ މިނެޓުގައި ޝަހީން ވަނީ ހެނބަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ހެނބަދޫން ވަނީ ލީޑު ހޯދައިފައެވެ. އެ ލަނޑު ހެނބަދުއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، މުހައްމަދު ޒަމީރު ވަނީ އަލުން ހޮޅުދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ހޮޅުދުއަށް ރިޔާޒް ލީޑު ހޯދައިދިން އިރު، އިބްރާހިމް ރަމީޒް ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ހެނބަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނެޓް ފަހުން ހޮޅުދުއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޒަމީރެވެ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ހޮޅުދޫގެ ޒަމީރެވެ. ޒަމީރަކީ ހޮޅުދޫ ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކެއް ފުރިހަމަކުރި ކުޅުންތެރިއެކެވެ. ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދޫ މޮޅުވީ 5-4 ލަނޑުން --- އެ ނަތީޖާއާ އެކު ހޮޅުދޫ ވަނީ 'ގްރޫޕް ބީ'ގެ އެއް ވަނައަށް ޖެހިލައިފައެވެ. ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ހޮޅުދޫ އެއް ވަނައިގައި އޮތް އިރު، އެ މެޗު ކުޅެ ތިން ޕޮއިންޓް ހޯދާފައިވާ މިލަދޫ އޮތީ ދެ ވަނައިގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ހެނބަދުއާއި ޅޮހި ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މިހާތަނަށް ހެނބަދޫ ދެ މެޗު ކުޅެފައިވާ އިރު، ޅޮހި ޓީމު ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ. ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދޫ މޮޅުވީ 5-4 ލަނޑުން --- ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ ޅޮހި ބޯޅަ ޓީމާއި މިލަދޫ އެވެ. މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ