ޓެކްސީ ގަވާއިދަށް ބަދަލުތަކެއް: މީޓަރު ހަރުކޮށް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ހުންނަންޖެހޭ

ދަތުރުކުރާ މިންވަރު އަދި ފައިސާ ނަގާވަރު ދައްކުވައިދޭ މީޓަރަކާ އެކު، ރާއްޖޭގައި ހިންގާ ބޭންކުތަކުން އާންމުންނަށް ދޫކޮށްފައިވާ ކޭޝް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ޓެކްސީކުރާ އުޅަނދުތަކުގައި ބަހައްޓަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް އެކުލަވާލައި ގެޒެޓްގައި ޝާއިއުކުރި ގަވާއިދުގައި ބުނެފައި ވަނީ، ޓެކްސީ ކުރާ އުޅަނދުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ޓެކްސީ ފެއާ އެނގޭނެ މީޓަރެއް ފަސިންޖަރުންނަށް ފެންނަ ގޮތަށް އެ އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ހަރުކޮށްފައި ހުންނަން ވާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކޮށްފައިވާ ކޭޝްކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައި ހުންނަން ވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. ޓެކްސީތަކުން މީޓަރަށް ދަތުރުކުރާއިރު ނަގާނެ ފީ އަކީ ކޮބައި ކަމެއް އެ ގަވައިދުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް މީޓަރު ހަރުކޮށްގެން އެހެން ގައުމުތަކުގައި ނަގަނީ މީޓަރަކަށް ނުވަތަ ކިލޯމީޓަރަކަށް ވަކި އަދަދެކެވެ. އިސްލާހުކޮށް ގެޒެޓްގައި ޝާއިއުކުރި ގަވާއިދަށް މިހާރުވަނީ އަމަލުކުރަން ފަށާފަ އެވެ. ނަމަވެސް އެ ގަވާއިދުގައިވާ ގޮތުން ޓެކްސީ މީޓަރު ހަރުކުރުމާއި ކޭޝްކާޑުން ފައިސާ ދެއްކޭނެ ނިޒާމް ގާއިމުކުރަން ޖެހެނީ އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 180 ދުވަސް ފަހުންނެވެ. އެ ގަވާއިދުގައި އިތުރަށް ބުނެފައި ވަނީ ޓެކްސީގެ ހިދުމަތް ދޭން ވާނީ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ލިޔުމުން ސެންޓަރަކަށް އަންގައިފި ނަމަ، އެ ސެންޓަރު ބެލުމުގެ ދަށުގައިވާ ހުރިހާ ޓެކްސީއަކުން ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ޓެކްސީ ގަވާއިދަށް މީގެކުރިން ގެނައި ބަދަލެއްގެ ދަށުން ޓެކްސީ ކުރާ އުޅަނދުގައި ވަނީ ދިއްލޭގޮތަށް ބޯޑެއް ހަރުކުރަން ލާޒިމްކޮށްފަ އެވެ. އަދި ދުއްވަން އިންނަ މީހާއަށް ޓެކްސީކުރަން ދީފައިވާ ރަސްމީ ހުއްދަ ފަސިންޖަރުންނަށް ފެންނާނެހެން ހަރުކޮށްފައި ވެސް ހުންނަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ