އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލޭނެ: ގާސިމް

އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކުގެ ޝައުގުވެރިކަން ވަގުތުން ގެއްލިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ބަޖެޓް ބަހުސް ކުރުމަށް މިއަދު ކުރިއަށްގެންދާ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަށްވުރެ ހަރަދުބޮޑު ބަޖެޓެއް ހުށަހަޅާފައިވާ އިރު، އިންވެސްޓަރުން އައުން ހުއްޓިއްޖެނަމަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. "ރާއްޖޭގެ ކަންތައްތައް މިހުރިގޮތަށް ބަލާއިރު، މިއަދު އިންކަމްޓެކްސް ނަގަން ފާސްކޮށްފިކަމުގައި ވާނަމަ ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިންވެސްޓް ކުރުމަށް ހުރި ޝައުގުވެރިކަން ހަމަ ވަގުތުން ހުއްޓޭނެ،" ގާސިމް ވިދާޅުވި އެވެ. ރާއްޖޭގެ ކަންތައްތައް މިހުރިގޮތަށް ބަލާއިރު، މިއަދު އިންކަމްޓެކްސް ނަގަން ފާސްކޮށްފިކަމުގައި ވާނަމަ ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިންވެސްޓް ކުރުމަށް ހުރި ޝައުގުވެރިކަން ހަމަ ވަގުތުން ހުއްޓޭނެ، ގާސިމް އިބްރާހީމް ބަޖެޓާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކުރީގެ ސަރުކާރު ތަކުގައި ވެސް އަދި މިހާރުގެ ސަރުކާރުގައި ވެސް ޖުޑިޝަރީ ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ކުރާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މީގެ ދެތިންދުވަސް ކުރިން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް ނެރުނު ރިޕޯޓެއްގައި ވަނީ އެކަން ފާހަގަކޮށްފައެވެ. ގާސިމް ވިދާޅުވީ، ބަޖެޓުން ޖުޑިޝަރީއަށް ކުރިއަށްއޮތްތާނގައި ހަރަދުކޮށް ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ގާސިމް އެގޮތަށް ވާހަކަ ދެއްކެވި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭގެ އިސްވެރިން ވަނީ ދެ ރެއެއް ކުރިން ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ، އިންކަމް ޓެކްސްއާ ގުޅޭ ސުވާލު ގިނަ ބަޔަކު ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން، އެ ޓެކްސް އަންނަ އަހަރު ނެގުމަށް ނިންމާފައިވޭތޯ ސުވާލު ކުރައްވައިފައެވެ. ޖަމީލްގެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ ވިދާޅުވީ، އިންކަމް ޓެކްސްއާ ގުޅޭގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަފުޅަށް ދެކެވަޑައިގަންނަވާ ގޮތުގައި، އިންކަމް ޓެކުހަކީ ނަގަން ޖެހޭ އެއްޗެއް ކަމަށް ޑރ. އަޒީމާ ވިދާޅުވިއެވެ. ޑރ. އަޒީމާ ވިދާޅުވީ، ރާއްޖޭގައި ފަރުދުންގެ މެދުގައި އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ