މުޅި ކްރިމިނަލް ކޯޓު ތެރޭ ފެން، ކަރަންޓު ޝޯޓުވުމާއެކު އެތައް ދައްޗެއް

މޫސުން ވަރަށް ބޮޑަށް ގޯސްވެ، މާލެއަށް ކުރަމުންދާ ވިއްސާރާގައި ކްރިމިނަލް ކޯޓު ތެރެއަށް ފެން ވަދެ އެ ކޯޓުގެ މަސައްކަތްތަކަށް ވަަރަށް ބޮޑަށް ދަތިވެއްޖެއެވެ. 'ސަން' އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ވިއްސާރާގައި އެ ކޯޓުގެ ހުރިހާ ތަނަކުން ފެން ފައިބަމުންދާ ކަމަށެވެ. އަދި ފެނުގެ އަސަރު ކުރުމާއެކު ކޯޓުގެ ކަރަންޓު ވިއުގައަކަށް ގެއްލުންވެ ކަރަންޓު ޝޯޓުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު އެ ކޯޓުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ. "މުވައްޒަފުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރު މަސައްކަތްކުރަމުންދަނީ ފުރާނައަށް ނުރައްކާވާ ފަދަ މާހައުލެއްގައި،" ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ މީގެ ކުރިން ވަނީ ކޯޓުގެ ތަނބެއްގެ ބައެއް ވެސް ވެއްޓިފައެވެ. ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން ވަނީ މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާކޮށްދިނުމަށް އެދި ޓެންޑާ ބޯޑަށް ވެސް މީގެ ކުރިން ޑީޖޭއޭއިން ވަނީ ފޮނުވައިފައެވެ. އޭގެ ފަހުން، ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާކުރުމަށް ފަސް އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޭން އާބަންކޯއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޑީޖޭއޭއަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވުމުން އެ ކަން ކުރެވެން ނެތްކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގައެވެ. އެތަނުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ހުރުމުން މިހާރު އެ ކޯޓު ހިންގާ ތީމުގެއާ ޖެހިގެން ހުންނަ އިމާރާތަށް ބަދަލުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. https://sun.mv/186750 މިއަދު ފަތިހުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެއަށް ވެސް އަންނަނީ ވާރޭ ވެހެމުންނެވެ. އެއާއެކު ހުޅުމާލޭގައި ވެސް ވަނީ ފެންބޮޮޑުވެފައެވެ. އަދި ހައިވޭގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. މީގެ އިތުރުން މާލޭ، އަމީނީ މަގާއި، ބޭރު މަގާއި، މަޖީދީ މަގުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. އޭގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ