ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
އެގޮތުން އިއްޔެރޭ ފަތިހުން ފެށިގެން އއ، އދ، ވ، މ، ފ އަދި ދ. އަތޮޅުގެ ރަށްތަކަށް ކަނޑުމަގުން ވަނީ ވޯޓު ކަރުދާހާއި ބައެއް އިދާރީ ތަކެތި ފޮނުވަން ފަށާފަ އެވެ. އަދި ތ، ލ، ގއ، ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަންޖެހޭ ތަކެތި އިއްޔެ ވަނީ ވައިގެ މަގުން ފޮނުވަން ފަށާފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިއްޔެ ކަނޑު މަގުންނާއި ވައިގެ މަގުން ފޮނުވި ތަކެތި ހަވީރު 5:30 އަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކަށް ލިބޭނެ ކަމަށެވެ.
ވޯޓުލުމަށް ބޭނުންވާ ސާމާނާއި އިދާރީ ބައެއް ތަކެތި މިއަދު ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
އީސީ އިން ބުނީ ވޯޓުލުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކުރިއަށް އޮތް ހުކުރު ދުވަހުގެ މެންދުރާ ހަމައަށް އަތޮޅު ތެރޭގެ ހުރިހާ ވޯޓުލާ މަރުކަަޒަކަށް ލިބޭނެ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ސިނާއީ ރަށްތަކާއި ރިސޯޓްތަކާއި ރާއްޖެއަށް ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާނެ ކަމަށްވެސް އީސީ އިން ބުންޏެވެ.
އިންތިހާބީ މަރުކަޒުތަކަށް ބޭނުންވާ އިދާރީ ތަކެތި ފޮނުވަމުންދަނީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެންނެވެ.
މަޖިލިސް އިންތިހާބުގައި 602 ވޯޓު ބަހައްޓާއިރު މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހަކަށް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ