އިންޑިއާ ސިފައިން ބާލަން ބޭނުންނަމަ އޮތް ޗޮއިސްއަކީ ގާސިމް: ނިހާން

ގައުމުން އިންޑިއާ ސިފައިން ބާލަން ބޭނުންނަމަ އޮތް ހަމައެކަނި ޗޮއިސްއަކީ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެވެ.
ނިހާން މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓްގެ އަރިހުގައި އދ. ދިއްދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނިހާންވަނީ ގާސިމްގެ އިސްލާހީ މަސައްކަތުގެ ހިދުމަތްތައް ނުލިބޭ ރަށެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
ނިހާންވަނީ ވެރިކަމުގެ ނިޒާމުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ބައިވެރިކުރުމަށް ވަކާލާތު ކުރެއްވީ ގާސިމްކަން ފާހަގަކުރައްވާއެވެ.
ނިހާންވަނީ ވޭތުވެދިޔަ ސަރުކާރުތަކާއިމެދު ގާސިމް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވަނީ ގައުމާއި ގައުމިއްޔަތަށް ގެއްލުންހުރި ކަންކަން އެ ސަރުކާރުތަކުން ކުރަމުންގެންދަން ފެށުމުން ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލުވާލުމާއި ދިވެހި އަސްކަރިއްޔާގެ ބާރު ކަނޑުވާލައި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ އޭގެ ހެއްކެއް ކަމަށް ނިހާން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެއެވެ. އެއީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ. މި ހަތަރު ސަރަހައްދުން ދިވެހި ސިފައިން ބާލާ އިންޑިއާގެ ސިފައިން ގާއިމްކޮށް ސަރުކާރުންވަނީ ދިވެހި އަސްކަރިއްޔާއެއްގެ ބޭނުން ކަނޑުވާލާފައި ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.
އިންޑިއާއަކީ އަބަދުވެސް ސަރަހައްދީ ގައުމުތައް އިގްތިސާދީ ގޮތުން އިސްތިއުމާރުކޮށް އަޅުވެތިކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ގައުމުތަކުން ފާހަގަކުރެއެވެ.
ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު ކުޑަވާނެ ސިޔާސަތެއް ގެންގުޅުއްވާ ލީޑަރަކަށް ނުވަތަ އެފަދައިން ބަސްބުނާ ވެރިއަކީ އެ ގައުމުގެ އަދުއްވުން ނުވަތަ ޚާއިނުންކަމަށް ސިފަކުރާ މޭރުމަކުން އިންޑިއާއިން އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރެފުރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސިފަކުރައްވަމުންނެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ނޫން ދުނިޔޭގެ ބާރުގަދަ އެހެން އެއްވެސް ބައެއްގެ ނުފޫޒު ހިނގާ މަންޒަރު ދެކެވަަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުންވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ރާއްޖެއާމެދު ދެކޭ ގޮތާއި، ރާއްޖޭގެ ދާޚިލީ ސިޔާސީ މަސްރަހާ އިންޑިއާ ލާމެހިފައި އޮތް ގޮތް ތަފާތެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސަފީރު ހަރަކާތްތެރިވާ ގޮތާއި އެހެން ޤައުމުތަކުގެ ސަފީރުންނާވެސް ތަފާތެވެ. އިންޑިއާއިން ދެކޭ ގޮތުގައި ރާއްޖެއަކީ އެ ގައުމުގެ ބެކްޔާޑެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ގައި ގޮތް ނިންމުމަށް އެ ޤައުމުގެ ބަސް ވިކޭގޮތައް އެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތުމަށް އިންޑިއާއިން އަބަދުވެސް އެދެއެވެ. އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ކުޑަވާނެ ގޮތަކަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރައްވާ ލީޑަރެއްނަމަ އެއީ އިންޑިއާއަށް އޮތް ނުރައްކަލެއްކަމުގައި ބަލައި އެބޭފުޅަކަށް އެކި ގޮތްގޮތައް ދުއްތުރާކުރުމަކީ އިންޑިއާގެ އަބަދުވެސް އާދައެކެވެ.
މީގެ އިތުރުން އިންޑިއާގެ ސަފީރު ރާއްޖޭގައި އުޅުއްވަނީ ޑިޕްލޮމަސީގެ އުސޫލުތަކުން ބޭރުންކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމާ ފާޅުގައި ބެހި ގައުމީ ކަންކަމުގެ ތެރެއަށް ވަދެގަނެ ގޮތް ކިޔައިދީ ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާއިން އުޅެނީ ދިވެހިން ނަށްވެސް ގޮންޖަހާލާފައި ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ