އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހައި ކޯޓުން ފަސޭހަ އިންތިޒާމެއް

މި އަަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހައި ކޯޓުން ފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސައިފިއެވެ.
ހައި ކޯޓުން ބުނީ، އިންތިޚާބު ތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އެ ކޯޓަށް ލިބޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސްގެ ދަށުން އިންތިޚާބާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 22:00 އާ ހަމައަށް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ.
އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ ގިނަވެގެން 14 ދުވަހެވެ. މިމުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
އެހެންކަމުން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މުއްދަތު ހަމަވަންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
މީގެއިތުރުން، އިންތިޚާބީ ޝަކުވާގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްވެސް އެ ކޯޓުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ. ހައި ކޯޓުގެ ކައުންޓަރު ބަންދު ވަގުތު ތަކުގައި މައުލޫމާތު ސާފުކުރުމަށް 7902206 ނަންބަރަށް ގުޅައިގެން ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް ހައި ކޯޓުން ވަނީ ބުނެފައެވެ.
އިންތިޚާބާ ގުޅޭ މައްސަލަތައް ހުށަހެޅުމުގައި މައްސަލަ ހުށަހަޅާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހަޅައި ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ލިޔެކިޔުންތަކާއެކު މައްސަލަ ހުށަހެޅުމަށް ހައި ކޯޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ