ގާސިމް ދެއްވި ސްޓޫޓެންޑް ލޯނުތައް މައާފު ކޮށްދިން ކަމުގެ ސިޓީ މި މަހު ހަވާލު ކުރަނީ

ވިލާ ފައުންޑޭޝަންގެ ލޯނު އެހީގައި ކިޔެވި ދަރިވަރުންގެ ލޯނު މައާފު ކޮށްދިން ކަމުގެ ސިޓީ މި މަހު ފަހުކޮޅު ހަވާލު ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ. ވިލާ ފައުންޑޭޝަނުން ބުނެފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު އެ ފައުންޑޭޝަންގައި ސިޓީ ހަވާލުކުރުން އޮންނާނެ ކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މައުލޫމާތު މި ލިންކު މެދުވެރިކޮށް ހިއްސާ ކުރުމަށް އެ ފައުންޑޭޝަނުން ވަނީ އެދިފައެވެ. އެ ފައުންޑޭޝަނުން އެދިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ. ވިލާ ފައުންޑޭޝަނުގެ ސްކޮލާޝިޕާއި ލޯނު ސްކީމުގެ ދަށުން ކިޔަވާފައި ތިބި ދަރިވަރުން ދައްކަން އޮތް ފައިސާ ވިލާ ފައުންޑޭޝަނުގެ ޗެއާމަން ގާސިމް އިބްރާހީމް ވަނީ މި ފަހުން މާފުކޮށްދެއްވާފައެވެ. އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައާއި ވިލާ ކުންފުންޏާއި ވިލާ ފައުންޑޭޝަނުން ދޭ ސްޓޫޑެންޓު ލޯނުގެ އެހީގައި، ތައުލީމު ހާސިލްކޮށް އަދި މިހާރުވެސް ލޯނުގެ ދަށުން ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނުތައް މައާފްކޮށްދެއްވާފައިވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. މީގެކުރިން ގާސިމް ވަނީ އެމަނިކުފާނުގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ކިޔެވުމަށް ދޫކުރި ހުރިހާ ލޯނުތައް މައާފްކޮށްދެއްވައިފައެވެ. އެ ލޯނުތައް މައާފްކޮށްދެއްވިކަން އިއުލާންކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ތައުލީމީ ދާއިރާއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ