މި ސަރުކާރަށް އާމްދަނީ ލިބޭ، އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ: މުއިއްޒު

މި ސަރުކާރަށް އާމްދަނީ ލިބޭ ކަމަށާއި އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ރ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ނުގަވާއިދުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި އެއް ޕްރޮޖެކްޓެއް އެތައް ކުންފުންޏަކަށް ވެސް ދޭ ކަމަށެވެ.
"މި ހަދާގޮތަކީ އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓު ދެނީ. ދުވަސްކޮޅަކުން އެމީހުން ފިލަނީ. ދެން އަނެއްކާ ވެސް އެތައް ދުވަހެއް ފަހުން ހަމަ އެ މަޝްރޫޢު އެހެން ބަޔަކާއި ހަވާލުކޮށްފައި 15 ޕަސެންޓު އެޑްވާންސް ދެނީ. ދެން އެމީހުން ވެސް ފައިސާ ހިފައިގެން ފިލަނީ. އެއީ އިހުމާލު. ކޮރަޕްޝަން. އެކަން އޮތީ މިސަރުކާރުގައި އިންތިހާއަށް ބޮޑުވެފަ." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮންމެ އަހަރެއްގެ ބަޖެޓުން އެނގިތިބެ އެބޭފުޅުން ބޭނުންވާ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށްދީ ހުސްކޮށްފިކަަމަށާއި ރަށްރަށުގައި ހުންނަ ކުދިކުދި ކަންތައްތަކަކީ ބަޖެޓުން ކުރެވޭނެ ކަންކަން ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ފަސް އަހަރު ރަށްރަށުން ފެންނަން އޮތީ ތަރައްގީގެ ކަންކަން ނުވެ އޮތްތަން ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވެ، މި މަހުގެ 30 ވަނަ ދުވަހުގެ ވޯޓުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެމަނިކުފާނަށް ވޯޓު ދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ