ދީބާޖާއަށް ބަދަލުގެ ގޮތުގައި 12.8 މިލިއަން ރުފިޔާ ދީފި

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ އިންވެސްޓުމެންޓު ކުންފުންޏަށް ބަދަލުގެ ގޮތުގައި 12.8 މިލިއަން ރުފިޔާ މިއަދު ދީފިއެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި ޖުމްލަ 64 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފާއިތުވި އޯގަސްޓު މަސްތެރޭގައެވެ. މިއަދު 12.8 މިލިއަން ރުފިޔާ ދީފައިވާއިރު, ބާކީ 51.2 މިލިއަން ރުފިޔާވެސް ވަރަށް އަވަހަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދީބާޖާއަށް މި ފައިސާ ދީފައިވަނީ ރައީސް އިބްރާހީމްގެ ކެމްޕެއިނަށް ހަރަދުކުރަން ޝަރުތުކޮށެވެ.
މި އުސޫލުގެ ދަށުން ދީބާޖާއަށް އެންމެ ފުރަތަމަ ދޭން އެއްބަސްވީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުގައި ފައިސާ ނެތުމުގެ ސަބަބުން އެންމެ ފަހުން ނިންމީ ދީބާޖާއަށް ދޭ ފައިސާގެ އަދަދު 64 މިލިއަނަށް މަދުކުރުމަށެވެ. އެގޮތަށް އެއްބަސްވީ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ ކުންފުނީގެ ވެރިން ރައީސް އިބްރާހީމަށް ތާއީދުކުރާ މަތިންނެވެ.
ޖަނަވަރީ މަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެށިގެން ދީބާޖާގެ ވެރިން އަންނަނީ ރައީސް އިބްރާހީމަށް ތާއީދުކޮށް އެމަނިކުފާނަށް ކެމްޕެއިންކޮށްދެމުންނެވެ. ރައީސް މުޙައްމަދު ނަޝީދާ ކުރިން ގާތް ގުޅުމެއް އޮތް ނަމަވެސް މިހާރު އެ ކުންފުނީގެ ވެރިން ތިއްބެވީ ރައީސް އިބްރާހީމާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ