ދުނިޔޭގެ އެންމެ ބޮޑު ދެ އާބާދީ، އިންޑިއާއާއި ޗައިނާގައި ވޯލްޑްކަޕް ބްރޯޑްކާސްޓް ކުރާނީ ކޮންބައެއްކަން އަދިވެސް ކަނޑަނޭޅޭ

ދުނިޔޭގެ އެންމެ ބޮޑު ދެ އާބާދީ، އިންޑިއާއާއި ޗައިނާގައި ވޯލްޑްކަޕް ބްރޯޑްކާސްޓް ކުރާނީ ކޮންބައެއްކަން އަދިވެސް ކަނޑަނާޅާކަން ހާމަވެއްޖެއެވެ. މި އަހަރުގެ ވޯލްޑް ކަޕް ފެށެން މަދު ހަފުތާތަކަކަށް ވެފައިވާއިރު، އިންޑިއާ އާއި ޗައިނާގައި ބްރޯޑްކާސްޓް ކުރާނެ ފަރާތްތަކެއް ފީފާ އިން އަދިވެސް ކަނޑައަޅާފައި ނުވާތީ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމަށް މި މުބާރާތް ރަސްމީކޮށް ބަލާލުމުގެ ފުރުސަތު ލިބޭނޭކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ރޮއިޓާސް އަށް ދިން ބަޔާނެއްގައި ފީފާ އިން ބުނީ، ދެ މާކެޓާ އެކު ކުރެވޭ މަޝްވަރާތައް ދަނީ ކުރިއަށް ކަމަށާއި އެއީ ސިއްރު މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް މިކަން ލަސްވާ ސަބަބެއް ފީފާ އިން ހާމައެއް ނުކުރެއެވެ. ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން މުބާރާތް ދެއްކުމާ ދެކޮޅަށް ސިޔާސީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މިއީ ސިޔާސީ މައްސަލައަކަށް ވުރެ ބޮޑަށް ވިޔަފާރީގެ މައްސަލައެކެވެ. އިންޑިއާގައި ބްރޯޑްކާސްޓަރުން ވަނީ 2026 އަދި 2030 ގެ މުބާރާތަށް ފީފާ އިން ހުށަހަޅާފައިވާ ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ އަގަށް އިންކާރުކޮށްފައެވެ. ސިނާޢީ ރިޕޯޓްތައް ބުނާ ގޮތުގައި ރިލަޔަންސް-ޑިޒްނީ ޖޮއިންޓް ވެންޗާ އިން ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރެވެ. ނަމަވެސް ފީފާ އިން އެ އަގު ގަބޫލެއް ނުކުރެއެވެ. ބްރޯޑްކާސްޓަރުން ބުނާ ގޮތުގައި، އުތުރު އެމެރިކާގައި މެޗުތައް ކުޅޭ ވަގުތުތަކަކީ އިންޑިއާގެ ދަންވަރުގެ ވަގުތުތަކަށް ވުމާއި، އިންޑިއާއަކީ މައިގަނޑު ގޮތެއްގައި ކްރިކެޓަށް ބަރޯސާވާ މާކެޓަކަށް ވާތީ، މިއަށް ވުރެ ބޮޑު އަގެއް ދެއްކުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ޗައިނާ އިން ވެސް ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ ގައުމުގެ ވިސްނުން ހާމަކޮށްފައެވެ. 'ގްލޯބަލް ޓައިމްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ރައިޓްސްއާ މެދު މަޝްވަރާ ކުރުމުގެ ޚާއްސަ ބާރު އޮންނަ 'ސީސީޓީވީ'އަށް، ފީފާއާ އެކު އެއްބަސްވުމަކަށް ނާދެވުނީ އަގުގެ މައްސަލައިގައެވެ. އެނަލިސްޓުން ބުނާ ގޮތުގައި ފީފާ އިން އެދޭ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ސީސީޓީވީ އިން ބޭނުންވަނީ މިއަށްވުރެ މާކުޑަ އަގެކެވެ. ގްލޯބަލް ޓައިމްސްއަށް ދިން ޖަވާބެއްގައި ފީފާ އިން ވަނީ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަގާ ބެހޭ ގޮތުން އެއްޗެއް ބުނަން އުޒުރުވެރިވިއެވެ. ދުނިޔޭގެ 175 ކަށްވުރެ ގިނަ ސަރަހައްދުގައި ފީފާ އިން މިހާރު ވެސް އެއްބަސްވުންތައް ގާއިމުކޮށްފައިވާއިރު، މި ދެ ގައުމުގައި އެއްބަސްވުމަކަށް ނާދެވި އޮތުމަކީ އާދަޔާޚިލާފު ކަމެކެވެ. ދެހާސްބާވީސް ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދުނިޔޭގެ އެންމެ ބޮޑު އޯޑިއަންސްއެއް ލިބުނު ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނެއެވެ. ފީފާގެ ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގެ ބިލިއަނަކަށް ވުރެ ގިނަ މީހުންނާއި އިންޑިއާގެ 700 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޓީވީ އާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ވޯލްޑް ކަޕްގެ ކޮންޓެންޓް ބަލާފައެވެ. މި މަރުތަޅު ދިގުލައިގެން ދިއުމަކީ މުބާރާތް ބަލާ މީހުންގެ އަދަދު ދުނިޔޭގެ ފެންވަރުގައި މަދުވެ، މި ދެ މާކެޓުގެ ސަޕޯޓަރުން ނަހަމަ ގޮތުގައި ސްޓްރީމް ކުރާ ވަސީލަތްތަކަށް ބަރޯސާވާން މަޖުބޫރުވެދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ