އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަނީ

އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަގުފަހިކުރުމަށް ޕަބްލިކް ސާވިސް މީޑިއާ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ދެމެދު ޤާއިމްކުރި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ މިމަހުގެ 11 އިން 14 އަށް ކުރިއަށްދާ އޭޝިއާ މިޑީއާ ސަމިޓުގެ ތެރެއިން އެކި މީޑިއާތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމެވެ،
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބްއެވެ. ވީއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.
މިއަހަރުގެ މިޑީއާ ސަމިޓު ރާއްޖޭގައި އިންތިޒާމުކުރަނީ ޕަބްލިކް ސާވިސް މިޑީއާއިންނެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ އޭޝިއާ މިޑީއާ ސަމިޓު ފަދަ ބޮޑު ހަރަކާތްތެއް ބާއްވާއިރު އެ ޤައުމަކުން އިސްކަން ދޭ ކަންކަން ދައްކުވައި ދިނުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުވެރިިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާ އޮތް ޤައުމަކަށްވާއިރު މި ސަމިިޓު މެދުވެރިކޮށް ފަތުވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޝަކީބް ވިދާޅުވިއެވެ.
" މިސާލަކަށް ދަންނަވާނަމަ، މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރަޝިއާގެ މީޑިއާ އާރްޓީވެސް ހިމެނޭ. ރަޝީއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ޑޮމިނޭޓް ކުރާ މާކެޓެއް. މީގެ އިތުރުން އެހެން މާކެޓްތައްވެސް އެބަހުރި. މުޅި ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކަށް ފެތުރިގެންދާ ގޮތަށް އަޅުގަނޑުމެންނަށް ބޭއްވޭ ސަމިޓަކަށްވެގެންދާއިރު މީޑިއާ މެދުވެރިކޯށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވާ ކަމެއް. އެހެންވީމަ އަޅުގަނޑުމެން ވިޒިޓް މޯލްޑިވްސްއާއެކު ފަހުމުނާމާއެއްގައި ސޮއިކުރީ" ޕީއެސްއެމް މެނޭޖިން ޑިރެކްޓަރ ޝަކީބް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންވެސް ވަނީ މި ސަމިޓަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްވަމުން ވީއެމްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އެއްބަސްވުމުގެ އެންމެ މުހިންމު ބޭނުމަކީ ޤައުމުތަކުގެ މީޑިއާތަކާއި ރަނގަޅު ގުޅުމެއް އުފައްދައި ރާއްޖެ އިޝްތިހާރު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.
"އެތަނުގެ މީޑިއާ ބޭފުޅުންނާއި އަޅުގަނޑުމެންގެ ޓީމުގެ ބޭފުޅުންނާއެކު ޖޮއިންޓްލީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދޭ. އެހެންވީމަ އެ ގުޅުންތަކާއި ހެދީ އަޅުގަނޑުމެންނަށް އެ މާކެޓުތަކުގައި އެ ޕްލެޓްފޯމްތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ. އަދި އެހެންމެ އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޝޯކޭސް ކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް. " ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ ވިދާޅުވިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ރާއްޖޭގައި ބާއްވާއިރު، މި ސަމިޓުގައި 30 ޤައުމަކުން 300 އެއްހައި މީހުން ބައިވެރިވާނެއެވެ. މިއަހަރުގެ ސަމިޓު ރާއްޖޭގައި ބާއްވަނީ "ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިޢާރުގެ ދަށުންނެވެ. އެހެން ކަމުން މި ސަމިޓުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ މައުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ