ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނެއް ހޮވައިފި ނަމަ 2028 ގެއްލިދާނެ: މީކާއީލް

ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނަކު ހޮވައިފި ނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލްގެ ”އިތުބާރު“ ކެމްޕެއިނުން އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ މައިގަނޑު އަމާޒަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އެމްޑީޕީ އެކަތިގަނޑަކަށް ހަދައި 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އެ ސިޓީގައި މީކާއީލް ވަނީ 2023 ގެ ރިޔާސީ އިންތިހާބާއި 2024 ގެ މަޖިލިސް އިންތިހާބުގެ ނަތީޖާއާ އެކު މެންބަރުން މާޔޫސްވެފައިވާ ކަމަށް ގަބޫލުކުރައްވައިފައެވެ. އަދި ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެ، ލީޑަރުން އަމިއްލަ މަސްލަހަތު އިސްކުރާ ކަމުގެ ކަންބޮޑުވުން މެންބަރުންގެ ތެރޭގައި އޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
”ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށްގެން ހުރި ކެންޑިޑޭޓަކު އިންތިހާބުވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑު،“ މީކާއީލް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ އެއީ ޕާޓީ އެކަތިގަނޑަކަށް ވެއްޖެ ނަމަ ހާސިލުކުރެވޭނެ ކަންކަން ހާމަވި ކަމެއް ކަމަށެވެ. ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް ވަގުތުން 2028 އަށް ތައްޔާރުވާން ފައްޓަވާނެ ކަމަށާއި އެ ކާމިޔާބީއާ ހަމައަށް އެމްޑީޕީ ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލްގެ އިތުރުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ މަގާމު ކުރިން ވެސް ފުރުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ