ފުރަތަމަ ކަމަކަށް އަހުރެން މިޖަހާ ހިސާބުތަކަށް ވިސްނައިލާށެވެ! މިއީ ހަމަ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއިއެކު ޖަހާލެވޭނެ ހިސާބުތަކެކެވެ. އަތުގައި އޮތް ފޯނުގެ ކަލްކިޔިލޭޓަރު ބޭނުންވެސް ޗެކްކޮސްލާށެވެ!
ރަމަޟާން މަހު ކޮންމެ ދުވަހަކު އިތުރު އެންމެ މީހަކަށް ރޯދަ ވީއްލުން ދިންނަމަ 60 ރޯދަ ހިފިކަމުގެ ޘަވާބަށް އުންމީދުކުރާށެވެ! ދެން ބަލައިލަންވީ ސުންނަތް ރޯދައަށެވެ. މަހަކު 11 ރޯދަ ހިފާ މީހަކު ރޯދް ހިފާ ކޮންމެ ދުވަހަކު އިތުރު މީހަކަށް ރޯދަވީއްލުން ދޭނަމަ 11 މަސް ދުވަސްތެރޭގައި 121 ރޯދަ ހިފައި އިތުރު 121 ދުވަހު ރޯދަ ހިފިކަމުގެގެ ޘަވާބަށް އުންމީދުކުރެވިދާނެއެވެ.
އެއިގެ މާނައަކީ ރަމަޟާން މަހު ހިފި ރޯދައިގެ އިތުރުން 16940 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. ރަމަޟާން މަހާއިއެކު ބަލައިފިނަމަ 21140 އަހަރުގެ ރާސްތާއަށް އެމީހަކަށް ނަރަކަ އާއި ދުރުވެވުމެވެ. އެހެނީ ހިފާ ކޮންމެ ރޯދައެއްގެ ސަބަބުން އެމީހަކު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުކުރައްވަވައި ދެއްވަވަތެވެ. މިއީ ދޫކޮށްލަން ހެޔޮވެދާނެ ނިޢްމަތެއް ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ރަމަޟާން މަހަށްފަހު ރޯދައިގެ މޫސުން ނިންމާލާ މީހަކީ ނަރަކައިން ސަލާމަތްވާން އެދޭމީހަކަށް ވެވޭނެހެއްޔެވެ؟ އަޑުއަހާށެވެ!
ރަމަޟާން މަހަށްފަހު ދެން އޮންނަ 11 މަސް ދުވަހު ސުންނަތް ރޯދަތައް ހިފާ ގިނަ މީހުން އެހިފާ ރޯދައިން ލިބެން އޮތް ޘަވާބު ފުރިހަމަ ގޮތުގައި ހޯދަން މަސައްކަތްކުރާތަނެއް ނުފެނެއެވެ. އެންމެ ކުޑަމިނުން ޤުރްއާން ކިޔަވަނީވެސް މަދުމީހެކެވެ.
ސުންނަތް ރޯދަ ހިފާ ދުވަސްތަކުގައި ދިރިއުޅެން ބުރަކޮށް މަސައްކަތްކުރަންޖެހޭތީ ރޯދަމަހު ކުރިވަރަށް އަޅުކަން ނުކުރެވުނު ނަމަވެސް ސުންނަތް ނަމާދުތައް ކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަން ކުރުން ގިނަކުރަންވާނެއެވެ. އެއިގެ އިތުރުން ވެސް ވިސްނާލައިފިނަމަ ޘަވާބު އިތުރުކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ވީހައި ގިނަ ޘަވާބު ހޯދަން މަސައްކަތްކުރަންވީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. އެއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތެކެވެ. ވީމާ މިދުވަސްތަކުގައި ކުރާ ކޮންމެ އަޅުކަމުންވެސް އެންމެ ބޮޑަށް މަންފާކުރާނެ ގޮތަށް ކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އެގޮތުން ރަމަޟާން މަސް ފާއިތުވެދިއުމުން ދެން މިހިފަނީ ސުންނަތް ރޯދައެވެ. އެގޮތުން އެއްބައަކު މަހަކު 8 ރޯދަހިފައެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތިދުވަހަކު ރޯދަހިފާމީހުންނެވެ. އަނެއް ބައަކު 11 ރޯދަ އެބަހިފައެވެ. އެއީ ހޯމް ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހަނދުމަހުގެ 13،14،15 ގައި ރޯދަހިފާ މީހުންނެވެ.
މިއިން ކޮންމެ ރޯދައަކީ 2 ރޯދަކަމަށް ހެދުމުގެ ފުރުޞަތު އޮތީ ލިބިފައެވެ. ވަރަށް ފަސޭހަކަމާއިއެކުގައެވެ.
2 ރޯދަ ހިފާނެގޮތަކީ ފުރަތަމަ ރޯދަ ހިފާނީ އެމީހާއެވެ. ދެވަނަ ރޯދަ ހިފަން ހަދާނެ ގޮތަކީ ރޯދަވެރިއަކަށް ރޯދަވީއްލުން ދޭނީއެވެ. ތަނަވަސްކަންހުރިނަމަ ރޯދަ ވީއްލަން ދޭ މީހުންގެ އަދަދު އިތުރުކޮށް ގިނަ ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރެވިދާނެއެވެ. ގިނަ ރޯދަ ހިފުމެވެ މިބަނަނީ ރޯދަވީއްލުން ލިބޭ މީހާގެ ރޯދައިން އެއްވެސް މިންވަރެއް ނުކުރައްވަވައި ރޯދަ ވީއްލަން ދޭ މީހާއަށް އިތުރަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާތީއެވެ.
---އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރަމަޟާން މަހަށްފަހު ރޯދައިގެ މޫސުން ނިންމާލާ މީހަކީ ނަރަކައިން ސަލާމަތްވާން އެދޭމީހަކަށް ވެވޭނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ