ދުނިޔޭގެ އިޤްތިޞާދީ އުދަރެސް ބަނަވެ މުދަލާއި ޚިދުމަތުގެ އަގުތައް މަތިވަނީ

ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ނުވަތަ އެއްތަނުން އަނެއްތަނަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި، އުފެއްދުންތެރިކަމުގެ އަގުތައް އިންތިހާއަށް އުފުލި، ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކުގެ މާލީ ކުރިމަގު ބަނަވެފައިވާ ކަމުގައި ގިނަ ކުންފުނިތަކަކުން ހާމަކޮށްފިއެވެ. ފެބުރުވަރީ މަހުގެ ފަހުކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެށްޓެވި ހަނގުރާމައިގެ ސަބަބުން، ހަކަތައިގެ ބާޒާރާއި މުދާ އުފުލާ މައި މަގުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން މުދާ އުފެއްދުމަށް ބޭނުންކުރާ ރޯ މެޓީރިޔަލްގެ އަގުތައް %20 އާ ގާތްކުރާ މިންވަރަކަށް އުފުލޭނެ ކަމުގައި ޑިޔުލަކްސް ބްރޭންޑުގެ ކުލަ އުފައްދާ އެކްޒޯނޮބެލް ކުންފުނިން ވަނީ އިންޒާރުކޮށްފައެވެ. މީގެ އިތުރުން ޓީއީ ކަނެކްޓިވިޓީ، 3އެމް، ރެކިޓް އަދި ފިލިޕް މޮރިސް ފަދަ ކުންފުނިތަކުން ވަނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ހާމަކޮށްފައެވެ. ކާބޯތަކެތި އުފައްދާ ދަނޯންއަށް ތުއްތުކުދިންގެ ކާނާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ލިފްޓު ފަދަ ތަކެތި އުފައްދާ އޮޓިސް ވަރލްޑްވައިޑުން ވަނީ މުދާ އުފުލުން ލަސްވުމުގެ ސަބަބުން ވިޔަފާރިއަށް އަސަރުކުރަމުންދާ ކަން ފާހަގަކޮށްފައެވެ.
ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަރުމަނުވިލާތުގެ ޓޫއީއާއި އެމެރިކާގެ ޔުނައިޓެޑް އެއާލައިންސުން ވަނީ ފައިދާގެ އަންދާޒާ ދަށްކޮށްފައެވެ. މައިންކޮށްގެން މައުދަން ނަގާ ސައުތު32އިން ޚަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމުންދާއިރު، މަތިންދާބޯޓާއި އިންޖީނު އުފައްދާ ބޮއިންގްއާއި ޖީއީ އެރޯސްޕޭސްއަށް އޮތް ޑިމާންޑު އަދިވެސް ވަރުގަދަކޮށް ފެންނަމުންދާ ކަމުގައި އެ ކުންފުނިތަކުން ބުންޏެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ބޮޑެތި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް 21 ކުންފުންޏަކުން ވަނީ މާލީ އަމާޒުތައް ދަށްކޮށްފައެވެ.
ޓްރަމްޕްގެ ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް އަސަރަކީ ވިލާތުގެ ޤައުމުތަކުގައި ތެލާއި ގޭހުގެ އަގުތައް އެމެރިކާއަށްވުރެ ބާރުމިނުގައި އުފުލެމުން ދިޔުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އެޕްރީލު 22 ގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ މުދާއުފުލާ ބޯޓުތަކެއް އީރާނުން ހިފެހެއްޓުމާ ގުޅިގެން ތެލުގެ އަގުތައް އަނެއްކާވެސް ވަނީ ކުއްލިއަކަށް އުފުލިފައެވެ. ހަނގުރާމަ ދިގުލައިގެންދާނަމަ، އަގު ކޮންޓުރޯލު ކުރުމުގެ ބާރު ނެތް ކުންފުނިތަކަށް މާލީ އަމާޒުތައް ދަށްކުރަން ޖެހޭނެ ކަމުގައި އިޤުތިޞާދީ ދާއިރާގެ މާހިރުން ލަފާކުރެއެވެ.
މާލީ ދާއިރާގެ މާހިރުން ބުނީ، މި ނުތަނަވަސްކަމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ކުރިމަގު ލަފާކުރުމަށް އިންތިހާއަށް ދަތިވެފައިވާ ކަމުގައެވެ. މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ރޭމަންޑް ޖޭމްސްގެ އޮފިޝަލަކު ބުނީ، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއިން ފެންނަނީ ހަނގުރާމައިގެ އެންމެ މަހެއްގެ އަސަރު އެކަނި ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިތަކުގެ ހިންގުމުގެ ދާއިރާގެ އިސްވާރުން ދޭ އިރުޝާދުތަކަށް ވުނަކުރާ ފަރާތްތަކުން ސަމާލުވުން މުހިންމު ކަމުގައެވެ. ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވި، ތެލާއި ގޭހުގެ ސަޕްލައި ޢާންމު ޙާލަތަކަށް ނައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގު އިތުރަށް އުފުލި، މާލީ ނުރައްކާ ބޮޑުވެގެންދާނެ ކަމުގައި މާހިރުން އިންޒާރުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ