އިންޑިއާގައި އެއާ އެމްބިއުލާންސެއް ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެ

އިންޑިއާގައި ބަލި މީހަކު ގޮވައިގެން ދަތުރުކުރި އެއާ އެމްބިއުލާންސެއް ވެއްޓި ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. އިންޑިއާގެ ޖަރުކަންދުގެ ޗަޓްރާ ޑިސްޓްރިކްޓްގެ ސިމާރިއާ ކައިރިއަށް ރޭ ވެއްޓުނު އެ ބޯޓުން ހަތް މީހުން ދަތުރުކުރިއެވެ. އެ ހާދިސާ ހިނގީ ޖަރުކަންދުގެ ރާންޗީން ސިޓީން ވެރިރަށް ދިއްލީއަށް ދަތުރުކުރަނިކޮށް ކަމަށް ޗަޓްރާ ސްޓޭޓް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. "އެއާ އެމްބިއުލާންސްގައި ތިބި ހަތް މީހުން ވެސް މަރުވެފައި ވަނީ ރާންޗީން ދިއްލީއަށް ދިޔަ މަގުމަތީގައި،" ޗަޓްރާގެ ޑެޕިއުޓީ ކޮމިޝަނަރު ކީރްތިޝްރީ ޖީ ނޫސް އެޖެންސީ ވިދާޅުވިއެވެ. ރެޑްބާޑް އެއާވޭސް ޕްރައިވެޓް ލިމިޓެޑުގެ އެ ބޯޓު ރާންޗީ އެއާޕޯޓުން ފުރީ ރޭ 7:11 ހާއިރު އެވެ. އޭގެފަހުން މޫސުން ގޯސްވުމުގެ ސަބަބުން މިސްރާބު ބަދަލުކުރަން ބޭނުންވެގެން އެދުނު ކަމަށާއި އޭގެ 23 މިނިޓް ފަހުން އެއާ ޓްރެފިކް ރާޑަރާ ކޮންޓެކްޓް ކެނޑިފައިވާކަމަށް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުންޏެވެ. ރަންޗީގެ ދޭވްކަމަލް ހޮސްޕިޓަލުގެ ސީއީއޯ އަނަންތު ސިންހާ ބުނި ގޮތުގައި އެއާ އެމްބިއުލާންސް ހަމަޖައްސާފައި ވަނީ ލަތޭހަރު ޑިސްޓްރިކްޓްގެ ރައްޔިތެއް ކަމަށްވާ ސަންޖޭ ކުމާރު (41އ) އަށެވެ. މި މަހުގެ 16 ވަނަ ދުވަހު އޭނާ އެޑްމިޓް ކުރީ ހަށިގަނޑުގެ 65 ޕަސަންޓް ފިހިގެންނެވެ. އެއާ އެމްބިއުލާންސް ގައި ދަތުރުކުރަން ނިންމީ ސިއްޙީ ހާލަތު ހުރި ގޮތުން އެއްގަމުން ދަތުރުނުކުރެވޭނެ ކަމަށް ޑޮކްޓަރު އަންގާފައި އޮތުމުން ކަމަށްވެސް އޭނާގެ އާއިލާގެ މީހަކު ބުނެފައިވެއެވެ. އެ ސަރަހައްދުގެ ރައްޔިތުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނު ވަގުތު އެ ސަރަހައްދަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވަރަށް ބާރު އަޑާއެކު ގުގުރިއެވެ. ނަމަވެސް ބޯޓު ވެއްޓެން މެދުވެރިވި ސަބަބުން ދެނެގަނެވޭނީ ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު ކަމަށް ރާންޗީ އެއާޕޯޓުގެ ޑިރެކްޓަރު ވިނޯދު ކުމާރު ވިދާޅުވިއެވެ. ހާދިސާ ހިނގި ސަރަހައްދަށް ސާޗް އެންޑް ރެސްކިއު ޓީމެއް ގޮސްފައިވާ ކަމަށާއި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯގެ ޓީމެއް ވެސް ފޮނުވާފައިވާ ކަމަށް ޑީޖީސީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ