ބޯޓު ހިފެހެއްޓުން އެއީ ކަނޑުފޭރުން، ބަދަލުހިފާނަން: އީރާން

އޮމާން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި ބޯޓަކަށް އެމެރިކާގެ ނޭވީން ހަމަލާދީ އެ ބޯޓު ހިފެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށާއި، އެކަމުގެ ބަދަލު ހިފާނެކަމަށް އީރާނުން ބުނެފިއެވެ.
ތަސްނީމް ނޫސް އޭޖެންސީން ގެނެސްދިން ބަޔާނެއްގައި ބުނެފައިވާގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން މި ބޯޓް ހިފަހައްޓާފައިވާ ކަމަށް އީރާނުގެ އަސްކަރީ މައި މަރުކަޒު ޚާތަމް އަލް-އަންބިޔާއިން ވަނީ ޔަގީންކޮށްދީފައެވެ.
އީރާނުގެ އަސްކަރީ މައި މަރުކަޒުން ބުނެފައިވާ ގޮތުގައި، "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެމެރިކާއިން ޚިލާފުވެ، ކަނޑުފޭރުމުގެ އަމަލެއް ހިންގައި، އޮމާން ކަނޑުގައި އޮތް އީރާނުގެ ވިޔަފާރި ބޯޓަކަށް ބަޑިޖަހައި، އޭގެ ނެވިގޭޝަން ނިޒާމު ނިއްވާލި" އެވެ. ބޯޓަކީ ޗައިނާއިން އީރާނަށް ދަތުރުކުރަމުންދިޔަ އީރާނުގެ ދިދަ ޖަހާފައިވާ އުޅަނދެއްކަމަށް ބުނެފައިވެއެވެ. އަދި އެމެރިކާގެ މެރިންސް ޓީމެއް ބޯޓުގެ ޑެކް މައްޗަށް އަރައި ވަގުތުން ކޮންޓްރޯލް ނެގިކަމަށް އީރާނުން ބުނެއެވެ.
އީރާނުން މި ހާދިސާ ސިފަކޮށްފައިވަނީ "ހަތިޔާރު އެޅި ބަޔަކު ކަނޑުފޭރުމުގެ" އަމަލެއްގެ ގޮތުގައެވެ. ޚާތަމް އަލް-އަންބިޔާގެ ތަރުޖަމާނު ބުނީ، "އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ހަތިޔާރުއެޅި ބާރުތަކުން އެމެރިކާގެ މި ކަނޑުފޭރުމުގެ މި އަމަލަށް އަވަހަށް ޖަވާބުދީ ބަދަލު ހިފާނެ" ކަމަށެވެ. އަދި ހާދިސާއަށްފަހު އީރާނުގެ ޑްރޯންތަކުން އެމެރިކާގެ ބައެއް ހަނގުރާމަ އުޅަނދުތަކަށް ހަމަލާދިންކަމަށް ވެސް އީރާނުގެ އޮފިޝަލުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔެފައިވާ ގޮތުގައި، އެ ބޯޓުގެ ނަމަކީ TOUSKA އެވެ. އެއީ ގާތްގަނޑަކަށް 900 ފޫޓު ދިގު ބޯޓެއް ކަމަށާއި، އެމެރިކާގެ ނޭވަލް ބްލޮކޭޑް ހުރަސްކުރަން އުޅުމުން ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ USS Spruance އިން އިންޒާރުދިން ކަމަށާއި، އީރާނުގެ ކްރޫއިން ނުހުއްޓުމުން އިންޖީނު ރޫމުގައި ބަޑިޖަހައި ހުއްޓުވާލި ކަމަށް ބުނެފައިވެއެވެ. "މިހާރު އެމެރިކާ މެރިންސް އަތުގައި އެ ބޯޓު އޮތީ. ބޯޓު އޮތީ އެމެރިކާ ޓްރެޝަރީގެ ސޭންކްޝަންތަކުގެ ދަށުގައި"، ޓްރަމްޕް ލިޔެފައިވެއެވެ.
މި ހަމަލާއައީ އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކަނޑުމަތީގެ ޙިޞާރެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނަނީ މި ބްލޮކޭޑަކީ ބައިނަލްއަގުވާމީ ގާނޫނާއި ޚިލާފު އަމަލެއް ކަމަށާއި، ހޯރމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އިސްލާމާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ރައުންޑުގެ މަޝްވަރާތަކުގައި ބައިވެރިވާން ތެހެރާނުން އަދި އެއްބަސްވެފައި ނުވާކަމަށް އައިއާރުއެންއޭ އިން ރިޕޯޓްކޮށްފައިވެއެވެ.
ދެފަރާތުގެ މެދުގައި އޮތް ވަގުތީ އެއްބަސްވުން އޭޕްރީލް 22 އަށް ހަމަވާއިރު، ހޯރމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މަގަކަށްވާތީ، އެ ސަރަހައްދުގައި ބޯޓު ހިފުމާއި ޑްރޯން ހަމަލާތައް ދެ ފަރާތުންވެސް ވަނީ އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ