ރަޝިޔާގެ ރައީސަށް ރާއްޖޭގެ އައު ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ރަޝިޔާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ރަޝިޔާގެ މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލަސްގައެވެ.
ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަޝިޔާގެ ރައީސް ޕޫޓިންއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.
އަބްދުއްރަހީމް އަބްދުއްލަތީފަކީ މިހާރުވެސް ތުރުކީވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އޭނާ ރަޝިޔާގެ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ ތުރުކީގެ އަންކާރާގައި ހުންނަވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް  ޢައްޔަން ކުރެއްވީ 11 މާރޗު 2025 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ