އަޚުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަން ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
އަޚުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަން ކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ގޮވާލައްވައިފިއެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް އިލްތިމާސްކުރައްވައިފައެވެ. ނައިބު ރައީށް ވިދާޅުވީ އަޚުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއެރުވޭ ކަމަށެވެ. އަދި ނޫސްވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަން ޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/hucensembe/status/2049141595057086547 ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގައި އަޚުލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވާނެ ކަމަށެވެ. އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމުގެ ކަންބޮޑުވުން ވެސް އެ މަނިކުފާނު ފާޅުކުރެއްވިއެވެ. ނައިބު ރައީސް އެފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ޑޮކިއުމެންޓަރީއެއް އަދަދު ނޫހުން ނެރުނު މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. https://sun.mv/221208 މިދިޔަ މަހު ނެރުނު އެ ޑޮކިއުމެންޓަރީއާ ގުޅިގެން ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ހިފަހައްޓައި، ދެ މީހުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފައެވެ. އެ މައްސަލައިގައި ރޭ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) ވަނީ، ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅެ ގޮތުން ސަރުކާރަށް އެއްޗެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދަދު ނޫހުގެ މައްސަލަ ރައީސް ފުލުހަށް ހުށަނާޅުއްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ ކަމަށް ބުނެ މީގެ ކުރިން ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެ ބިލް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން އެ ބިލަށް ތާއިދުކުރާކަން ހާމަކުރިއެވެ. ނަމަވެސް އެ ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން ބިލާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އެ ބިލު ފާސްކުރި ކޮމިޓީގައި ވެސް ނޫސްވެރިން އިހުތިޖާޖުކުރިއިރު، ކޮމިޓީން ބިލް ފާސްކުރީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަަށް ބުނެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލް ފާސްކުރުމުން، ބިލް ތަސްދީގު ނުކުރަން ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލިއެވެ. ނަމަވެސް މިދިޔަ ސެޕްޓެންބަރު މަހުގެ 18ގައި ރައީސް އެ ބިލް ތަސްދީގު ކުރެއްވިއެވެ. އަދި އައު ގާނޫނުގެ ދަށުން ކޮމިޝަނެއް ވަނީ އެކުލަވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ