ރާއްޖޭގައި ފަރާ މަޑުކުރި ރިސޯޓުގެ މުވައްޒަފުންނަށް ޚާއްސަ ވީޑިއޯއެއް
މިދިޔަ ހަފުތާ ބަންދުގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރި ބޮލީވުޑްގެ ކޮރިއަގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާން ޗުއްޓީ ހޭދަކުރި ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް، ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ. ފަރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރި މި ވީޑިއޯގައި ޗުއްޓީ ހޭދަކުރި ވިލާ ނޯޓިކާއިން ބައްދަލުވި އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ޚާއްސަ ފެނިލުމެއް ވެސް ވަނީ ހިމަނާފައެވެ. އެ މުވައްޒަފުން އަމިއްލައަށް ތައާރަފުވެ، މަސައްކަތްކުރާ ދާއިރާ ވެސް ބުނެދީފައިވާއިރު ފަރާ ބުނީ، ޗުއްޓީ ނިންމާލުމަށް ފަހު އެނބުރި ފުރައިގެން ދަނީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް އެ ރިސޯޓުގައި ހޭދަކުރުމަށް ފަހު ކަމަށެވެ. ވެރިކަން ކުރާ މާލެއިން ސްޕީޑް ބޯޑުގައި 20 މިނެޓުން ދެވޭ ވިލާ ނޯޓިކާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވެސް ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރަމުން ކުޅަދާނަ ފިލްމު ޑައިރެކްޓަރު ބުނީ، ރާއްޖޭގައި ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް ޚާއްސަ ދުވަސްތަކެއް ކަމަށާއި މަސައްކަތާއި ދުރުގައި އުޅެން ލިބުނު އެ ދުވަސްކޮޅަކީ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބުނު ދުވަސްކޮޅެއް ކަމަށެވެ. ފަރާ ޚާން ވިލާ ނޯޓިކާއަށް ޒިޔާރަތް ކުރުމުން ފަރާގެ އިސްތިގްބާލުގައި އެ ރިސޯޓުގެ މުވައްޒަފުން-ފޮޓޯ/މޯލްޑިވްސްއިންސައިޑަ ފަރާގެ މި ފަހަރުގެ ދަތުރުގައި އޭނާގެ ތިން ކުދިން ވެސް ބައިވެރިވެފައިވާއިރު ޗުއްޓީގެ ދުވަސްވަރުގެ ވީޑިއޯތައް އެކި ދުވަސްމަތިން އޭނާ ދިޔައީ ސަޕޯޓަރުންނާ ހިއްސާ ކުރަމުންނެވެ. ފަރާ ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއާ އެކު ވަރަށް ގިނަ ބަޔަކު ވަނީ މި ދަތުރުގައި ފަރާގެ ކައްކާ ދިލިޕް ބައިވެރި ނުވުމުން މާޔޫސްކަން ލިބުނު ކަމަށް ބުނެފައެވެ. ފަރާ ވަނީ ދިލިޕާ އެކު މި އަހަރުގެ ފިޠުރު ޢީދުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ފަރާ ވަނީ އެ ދަތުރުގެ ވީޑިއޯއެއް ވެސް އަމިއްލަ ޔޫޓިއުބް ޗެނަލްގައި ޕޯސްޓުކޮށްފައެވެ. ފިލްމު ޑައިރެކްޝަނަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ފަރާއަށް މިހާރު ލިބެނީ ޔޫޓިއުބް ކޮންޓެންޓްތައް އުފައްދައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ