ސަމާސައަށްވެސް މަލާމާތްކުރުމާ ބިރުދެއްކުން ހުއްދައެއް ނޫންކަން ޙަދީޘުން!: ޝެއިޚް ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ
 
ޝައިޚް ފަހުދުއެވެ!، އަޅުގަނޑުގެ ޔޫޓިއުބް ޗެނަލަކީ މުނިފޫހިފިލުވުމާއި ހިނިތުންވުން ގެނުވުމަށް އަމާޒުކޮށްފައިވާ ޗެނަލެކެވެ. ނަމަވެސް، މި ޗެނަލުގައި ޝާއިޢުކުރެވޭ ބައެއް މެޓީރިއަލްސްތަކުގެ ތެރޭގައި، މީހުން ބިރުގަންނަވައި ނުވަތަ ނުރައްކާތެރި ޙާލަތްތަކަށް ހުށަހަޅައިގެން ކުރެވޭ މަޖާ ޕްރޭންކްތައް ހިމެނެއެވެ. މިފަދަ މަޒުމޫނުތައް ޝާއިޢުކުރުމާއި ފެތުރުމަކީ އިސްލާމްދީނުގެ ނަޒަރުގައި ހުއްދަ ކަމެއްތޯ؟ މިކަމާ ގުޅޭގޮތުން ޝަރުޢީ ލަފާފުޅެއް ދެއްވުން އެދެމެވެ. 
ޝައިޚުގެ ޖަވާބު: 
ޔޫޓިއުބްގައި ތިބާގެ ވީޑިއޯތަކާ އެއްފަދަ ގިނަ ވީޑިއޯތަކެއް ފެންނަން ހުރެއެވެ. މި ވީޑިއޯތަކުގައި ޢާންމުކޮށް ހިމެނެނީ ބިރުވެރި އަދި ހައިރާންކުރުވަނިވި މަންޒަރުތަކެވެ. މިފަދަ ވީޑިއޯތައް މިލިއަނުން މީހުން ބަލައި، ކުޑަކުދިންނާއި ބޮޑެތި މީހުން މެދުގައި ހިއްސާކުރެއެވެ. އަޅުގަނޑުމެންގެ ގޭގައި ތިބޭ ކުދިންވެސް މި ވީޑިއޯތައް ބަލައެވެ. ނަމަވެސް، މިފަދަ ކަންކަމުގެ ޝަރުޢީ ޙުކުމާއި، މުސްލިމުންނަށް ބިރުދެއްކުމުގެ ނޭދެވޭ އަސަރުތައް އެކުދިންނަކަށް ނޭނގެއެވެ. ސުބުޙާނަﷲ!  
މިފަދަ ގިނަ ހާދިސާތަކުގެ ނިމުން ވަނީ ހިތާމަވެރި ގޮތަކަށެވެ. އަޅުގަނޑަށް އަޑުއިވިފައިވާ އެއް ހަޤީޤީ ހާދިސާއެއްގައި، ގެއެއްގައި ތިބި އަންހެން ކުއްޖަކަށް އޭނާގެ އަޚުން ބިރުދެއްކުމުގެ ސަބަބުން އެ ކުއްޖާ ނަފްސާނީ ގޮތުން ބަލިވެ، މިއަދާ ހަމައަށްވެސް އަދި ފަސޭހަވެފައެއް ނުވެއެވެ. 
އެއް ދުވަހަކު ޞަޙާބީން ނަބިއްޔާ ﷺ އާއެކު ދަތުރެއްގައި ވަޑައިގެން ތިއްބެވިއެވެ. ޞަޙާބީންގެ ތެރެއިން އެއް ބޭކަލަކު އެ ބޭކަލެއްގެ އަޚާއަށް މަޖާކޮށްލުމަށް ގަސްތުކުރެއްވިއެވެ. އެ އަޚާ ނިދާފައި އޮއްވާ ފެނިވަޑައިގަތުމުން، އެހެން ޞަޙާބީން ތެދުވެވަޑައިގެން އެ ބޭކަލެއްގެ ބައެއް ތަކެއްޗާއި ދަނޑިތައް ނަންގަވައިފިއެވެ. ފަހުން އެ ބޭކަލަކު ނިދިން ހޭލެއްވުނު އިރު، ބިރުފުޅުގެން ހާސްވެވަޑައިގެން އެ ބޭކަލެއްގެ ތަކެއްޗާއި ދަނޑިތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެހިނދު ޞަޙާބީން ހިނިވަރުނަ ލެއްވިއެވެ. 
އެ ވަގުތު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަ ބޭކަލުންގެ ހިނިވަރުނަ ކުރުމުގެ ސަބަބަކީ ކޮބައިތޯއެވެ؟" ޞަޙާބީން ދެންނެވިއެވެ: "މިއީ އަޅުގަނޑުމެން ކުރި މަލެއް! އަދި ހިނިވަރުނަ ލެއްވުމުގެ ގޮތުން ކުރި މަލާމާތެކެވެ." އޭގެ ޖަވާބުގައި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "މުސްލިމަކަށް އެހެން މުސްލިމަކަށް ބިރުދެއްކުން ހުއްދަވެގެން ނުވެއެވެ."
ޤުރްއާނުން އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައިވަނީ، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގައި އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ރިވެތި ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަށެވެ. 
ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ‎﴿٢١﴾‏
މާނައީ: ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. (21)" 
"މާތް ނަބިއްޔާ މުޙައްމަދު ﷺ އެއްވެސް ޖަނަވާރަކަށް ބިރުދެއްކުމާމެދު ދެކެވަޑައިގަންނަވަނީ ނުރުހުމުގައެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި ވެސް ފެނިގެންދަނީ ޖަނަވާރުންނާ މެދު ވަރަށް އޯގާތެރި އަދި ރަޙުމަތްތެރި އުސްލޫބެކެވެ. މިއީ އިސްލާމްދީނުގައި ޖަނަވާރުންނާމެދު ބަހައްޓަންޖެހޭ ރިވެތި އަޚްލާޤުގެ ނަމޫނާއެކެވެ. 
އެއްދުވަހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން އުޅުއްވަނިކޮށް، ބިރުވެރިކަމާއި ހާސްކަމުގައި ވަރަށް ބޮޑަށް ޖެހިފައިވާ ދޫންޏެއް ފެނިވަޑައިގަތެވެ. މި މަންޒަރު ދެކެވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: 'މި ދޫނީގެ ދަރިފުޅު ގެއްލިގެން، މިފަދަ ބޮޑު ހާސްކަމެއް މިއަށް ދިނީ ކާކުހެއްޔެވެ؟ އޭގެ ދަރިފުޅު ވަގުތުން އަނބުރާ ގެނެސްދޭށެވެ.' ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންސާނުންނަށް ވިޔަސް އަދި އެހެނިހެން ދިރޭތަކެއްޗަށް ވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަށް ހަރުކަށި ގޮތެއްގައި ދެކޮޅު ހެއްދެވިއެވެ. 
ﷲ ތަޢާލާ އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ‎﴿١٠٧﴾‏
މާނައީ: އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. (107)" 
"އޭ އަޅަމެން ހެއްދެވި ކީރިތިވަންތަ ރަސްކަލާކޮ! އިބަ ރަސްކަލާނގެ ހަނދުމަކުރުމަށާއި، ޝުކުރުވެރިވުމަށާއި، އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އަޅަމެންނަށް ތައުފީޤު ދެއްވާނދޭވެ! އަޅަމެންގެ އެންމެހައި ކަންކަމުގެ ނަތީޖާ ބަރަކާތްލައްވައި، ހެޔޮގޮތުގައި ނިންމަވައިދެއްވާނދޭވެ! އަދި ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައި ކަމަކުން އަޅަމެން ސަލާމަތްކޮށްދެއްވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކޮށްދެއްވާނދޭވެ!"
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ